އައްޑޫ ސިޓީ ހިތަދޫގެ ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙުކޮށްދެއްވައިފި އެވެ.

އެ މަޝްރޫއު އިފްތިތާޙުކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި މާލެ ފިޔަވައި މިހާގިނަ ޢަދަދެއްގެ އާބާދީއަކަށް، ގިނަ ޢަދަދެއްގެ ގެތަކަކަށް މިޒަމާނުގެ އުޞޫލުން ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކޮށް، ސާފު ބޯފެން ލިބޭނެގޮތް ހަމަޖެހިގެންދާކަމީ، ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އައްޑޫ ސިޓީގެ ކޮންމެ ރަށަކަށް ވެސް ސާފު ބޯފެން ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް ކަމުގައި ވިދާޅުވި އެވެ. ހަމައެއާއެކު، ނަރުދަމާގެ ނިޒާމު ވެސް އިރާދަކުރެއްވިއްޔާ، އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ޤާއިމްކުރައްވާނެ ރައީސް ވިދާޅުވި އެވެ.

އައްޑުސިޓީ ހިތަދޫގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފައްޓަވައިދެއްވި އަނެއް މަޝްރޫޢަކީ، ހިތަދޫ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި ހުރި މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތެވެ. މިބައިގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ފިޔަވަހީގައި 2.3 ކިލޯ މީޓަރުގެ މަގު ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި 2.8 ކިލޯ މީޓަރުގެ މަގުހެދުމުގެ މަސައްކަތް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި ހިތަދޫގައި ހުރި ހުރިހާ މަގުތަކެއްގައި އިރާދަކުރެއްވިއްޔާ އަންނަ އަހަރު ތާރުއަޅައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މި ހިންގަވާ މަޝްރޫޢުތަކުގައި، ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.