08 May 2013, 13:35
ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހު މާލެ އަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ވައިގަދަވެ އަދި ފެންބޮޑު ވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހްމަދު "ސަން"އަށް ވިދާޅުވީ ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ފުވައްމުލައް ކަމަށެވެ. އެ ގޮތުން މި ދިޔަ ހޯމަ ދުވަހު އެ ރަށަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ ފަސް ގެއެއްގެ ފުރާޅު އެއްލާލައި އެއް ގެއެއްގެ ފުރާޅު މައްޗަށް ބޮޑު ރުކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"އިއްޔެ މެންދުރެއްހާއިރު ފުވައްމުލަކަށް އައި ވިލާގަނޑުގައި އެ ރަށު ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ގެއެއްގެ ފުރާޅަށް ބިޔަ ރުކެއް ވެއްޓި ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ބޮޑު ނިކަ ގަހެއް ވެއްޓުނު. އަދިވެސް ބައެއް ގެއްލުންތައް އެބައުޅޭ. ދެން ޖުމްލަ [ގެއްލުމުގެ] އަދަދުގެ އެސެސްމެންޓް މިހާރު ދަނީ ހަދަމުން،" މުހައްމަދު އަހްމަދު ވިދާޅުވި އެވެ.
ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރާގައި ފުވައްމުލަކުގެ އިތުރުން މިހާތަނަށް ގެއްލުންތަކެއް ލިބިގެން ރިޕޯޓު ކޮށްފައިވާ ދެ ވަނަ ރަށެއްގެ ގޮތުގައި މުހައްމަދު އަހްމަދު ފާހަގަ ކުރެއްވީ ގދ. ތިނަދޫ އެވެ. އޭނާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ އެ ރަށަށް ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެ މީހުން ދިރި އުޅޭ ގެތަކަށް ވެސް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"ތިނަދޫ އަށް ބޯކޮށް ވާރޭ ވެހި މުޅި ރަށުގައި ފެންބޮޑުވެ އަދި ވައިގަދަ ވުމުގެ ސަބަބުން ބައެއް ގޭ ގޭގެ ފުރާޅު އެއްލާލި. ދެން ރަށުގައި ބޮޑުވި ފެންގަނޑު ގެތަކަށް ވަދެ މީހުން ހިފާ ގެންގުޅޭ ތަކެއްޗަށާއި މުދަލަށް ގެއްލުން ލިބިފައިވޭ. ދެން ކައިބޯ ތަކެއްޗަށް ވެސް ދަތިވެފައިވާ ކަމަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވި އެވެ.
ރ. ރަސްގެތީމު ކައުންސިލްގެ ނައިބު ރައީސް އަލީ ހަމީދު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ރަށު އޮފީހުގައި ހަރުކޮށްފައި ހުރި އެންޓަނާ އަކަށް ހޮނުއަޅައި އެ އޮފީހުގައި ބޭނުންކުރަމުން އަންނަ އިލެކްޓްރޯނިކް ހުރިހާ ސިސްޓަމްތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ސިއްހީ މައުކަޒާއި އިންޖީނުގޭގައި ބޭނުންކުރާ ހުރިހާ ސާމާނެއް ވެސް ހަލާކު ވެފައިވާ ކަމަށެވެ.
ނަމަވެސް އެ ހޮނުގެ ސަބަބުން އެއްވެސް މީހަކަށް ވެސް އަދި އިމާރާތަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އަލީ ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށަށް އެޅި ހޮނުގެ ސަބަބުން އެ ރަށުގެ ފަތްކެޔޮ ދަނޑުތަކަށާއި އަދި ކައިރި ގޭގޭގެ ޓީވީ ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ހަލާކުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ނޭޝަނަލް މީޑިއޮރޮލޮޖިކަލް ސާސިސް އިން ބުނީ ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރާގައި މާލޭގެ އިތުރުން ރާއްޖޭގެ ދެކުނާއި އުތުރަށް ކުރިއަށް 24 ގަޑި އިރުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުތައް ގަދަވެ ގަޑިއަކު 13 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނަކަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށައް އުދަ އަރާނެފާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.