ރާއްޖޭގެ ބާޒާރުން ހިލަޔާއި ހިލަވެލި ނުލިބުމުގެ ސަބަބުން ކޮންސްޓްރަކްޝަން ޕްރޮޖެކެޓްތައް ހުއްޓި، އެ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ އެންމެ ބޮޑު ކުންފުނި ކަމަށްވާ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހިލަޔާއި ހިލަވެލި ބާޒާރަށް ނެރޭނޭ ކަމަށް ބުނެފައިވާ ތާރީހުތަކަށް އެތަކެތި ނުނެރެވި، ކޮންޓްރެކްޓަރުން އެތަކެތި ލިބުމަށް ކުރަމުންދާ އިންތިޒާރުތައް ދިގުލާފައިވާއިރު، އެ ފަރާތްތަކުން މަސައްކަތް ކުރުވަން ގެންގުޅޭ މުވަސްޒަފުންނަށް އިތުރު ހަރަދު ތަކެއް ކުރަން ޖެހުމާއި މަޝްރޫއު ތަކުގެ މުއްދަތު ގުނެމުންދާތީ އެ އެސޯސިއޭޝަނުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މަސީ އިން ބުނެފައިވަނީ ޑޮލަރުގެ ދަތިކަމާއި އިމާރާތް ކުރުމަށް ބޭނުންވާ މުދަލުގެ އަގުތައްވެސް އުފުލިފައިވާ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ ޕްރޮޖެކްޓް ޕްރޮޖެކްޓް ތަކުންވެސް ކޮންޓެކްޓަރުންނަށް ލިބޭ އެ ފަދަ ގެއްލުއްތައް އެޖެސްޓް ކުރެވޭނޭ ގޮތެއް ނެތްއިރު އެފަދަ ގެއްލުންތަކުން ކުންފުނިތައް ސަލާމަތް ކުރުމަށް އެ އެސޯސިއޭޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިލަޔާއި ހިލަވެލި ނުލިބުމުގެ ސަބަބުން ކުންފުނިތަކަށް ޕްރޮޖެކްޓް ތަކުގެ މަސައްކަތް ނުކުރެވިދާ ދުވަސްތަކުގައި ލިބޭ ގެއްލުންތައް އިއާދަ ކުރުމުގައި އެހީތެރިވެ ދިނުމަށާއި، ޕްރޮޖެކްޓް ތަކުގެ މުއްދަތު ހަމަވެގެން ކުރާ ޖޫރިމަނާތައް މައާފުކޮށްދިނުމަށާއި އަދި ހިލަޔާއި ހިލަވެލީގެ އަގަށް އައި ބޮޑު ބަދަލު އިންސާފުވެރިކަމާއެކު ކުންފުނިތަކަށް ހޯދައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް މަސީއިން ބުނެފައި ވެއެވެ.

ހިލަޔާއި ހިލަވެލީގެ މައްސަލައިގާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހެޔޮއަގެއްގައި ރާއްޖޭގެ ބާޒާރަށް ހިލަޔާއި ހިލަވެލި ގެނައުމަށް އެކުންފުނިން މެދު ނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިހާރު އެކަމުގައި އަލިމަގެއް ފެނިފައި ވާކަމަށެވެ.

"ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިގެންދަނީ ވީ އެންމެ އަވަހަކަށް ހިލަޔާއި ހިލަވެލި ގެނެވޭނޭ ގޮތެއް ހޯދަން. ލަންކާ ސަރުކާރުން ވިދާޅުވެފަ އޮތީ ވަރަށް އަވަހަށް އެކަން ހަމަޖައްސައި ދެއްވާނަމޭ. ދެން ލިބޭނޭ ވަކި ތާރީހެއް ދަންނަވަން އަޅުގަނޑަށް ދަތި. އެހެން ނަމަވެސް ދެ ގައުމުގެ ސަރުކާރު ލެވެލްގައި ނިންމަންޖެހޭ ކަންތައް ތަކެއް މިހާރު ކުރިއަށް ދަނީ. ވަރަށް އަވަހަށް ހަމަޖެހޭނޭ ކަމަށް އުއްމީދު ކުރަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ލަންކާ ނޫނަސް އެހެނިހެން ގައުމުތަކުންވެސް ހިލަޔާއި ހިލަވެލި ލިބޭތޯ އެކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަރަށް ކައިރި މުސްތަގުބަލެއްގައި ދުބާއީއިން ހިލަޔާއި ހިލަވެލީގެ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖެ އަށް ހިލަޔާއި ހިލަވެލި އެތެރެކުރާ ސޮނީ ހާޑް ވެއާއިން ވެސް ބުނީ އެ ކުންފުނިން ވެސް ހިލަޔާއި ހިލަވެލި ހުސްވެފައިވާ ކަމަށާއި އަދި ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.