އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިއުލާން ކުރުމުން އެކަމަށް ކުރިމަތިލާ ބޭފުޅުންގެ އަދަދު މަދުކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ސެމިނާ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ވަނީ ފަނޑިޔާރުން ހޯދުމަށް އިއުލާން ކުރުމުން އެމަގާމަށް އިލްމީ ގާބިލް ބޭފުޅުން ކުރިމަތިލެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފަ އެވެ.

އާދަމް މުހައްމަދު ވިދާޅުވީ ފުރިހަމަ އަދުލު އިންސާފެއް ލިބުނުކަން ރައްޔިތުންނަށް އިހްސާސް ކުރެވޭނީ ފަނޑިޔާރުކަމަށް އިލްމީ ގާބިލް ބޭފުޅުން ކުރިމަތިލެއްވުމުން ކަމަށެވެ. އަދި އަތޮޅުތަކުގެ ކޯޓުތަކުގެ ފަނޑިޔާރުންގެ މަގާމަށް އެއްވެސް ފަސްޖެހުމެއް ނެތި ކުރިމަތިލެއްވުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާ ގުޅިގެން ސުޕީރިއާ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެހެންކަމުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި އެ ކޯޓަކަށް އެކަށީގެންވާ ވަރަށް ފަނޑިޔާރުން ހަމަޖައްސަން ޖެހޭ ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ.

ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު އަބްދުﷲ ހަމީދު ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ހުއްޓިފައި އޮތީ އެކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވާތީ ކަމަށެވެ. އަދި އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުން އެ މަސައްކަތް ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ އެ ސެމިނާގައި ޖޭއެސްސީ އަކީ ކޮބައިކަމާއި އެ ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވީ ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުހައްމަދު އެވެ.

އެ ސެމިނާގައި ޖޭއެސްސީގެ މީޑިއާ އޮފިސަރު ހަސަން ޒަހީން ވަނީ މިނިވަން އެހެނިހެން ކޮމިޝަންތަކާއި އެ ކޮމިޝަނާ ހުރި ތަފާތުތަކާއި އެ ކޮމިޝަނުން ހާސިލް ކުރެވިފައިވާ ކާމިޔާބީތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވާފަ އެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވަމުން ޒަހީން ވިދާޅުވީ ގާނޫނު އަސާސީން އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތުން ދިމާވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ މެންބަރުންނަކީ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ފުލްޓައިމްކޮށް މަސައްކަތް ކުރައްވާގޮތަށް ތިއްބެވި ފަރާތްތަކެއް ކަމަށްވުމުން ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ވަގުތުތައް ހުސްކުރެވިފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

ކޮމިޝަނުން ކޮންމެ ކަމެއް ވެސް ނިންމެން އޮންނަނީ ކޮމިޝަންގެ ކޯރަމް ލިބޭ ޖަލްސާއަކަށް ހުށަހެޅިގެން ކޮމިޝަންގެ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ގަނޫނީ ގޮތުން ކަނޑައަޅާފައި ވާއިރު މިއަދާ ހަމައަށް ލިބިފައިވާ ތަޖުރިބާ އަށް ބަލާއިރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމެއް ކަމަށް ފާހަގަ ކުރެވޭ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.