08 May 2013, 13:05
ޕީޕީއެމްގެ ހަބަރުތައް ގެނެސްދިނުމަށް ޓަކައި އެ ޕާޓީގެ ޓީވީ ޗެނަލެއް މި މަހުގެ 20 ވަނަ ދުވަހު ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހަސަން މަނިކު މިއަދު ވިދާޅުވީ އެ ޕާޓީގެ ޓީވީ ޗެނަލް މި މަހު ހުޅުވުމަށް ފަހު އެންމެ ފުރަތަމަ ފެންނާނީ ހަމަ އެކަނި މާލެ އަށް ކަމަށާއި ނަމަވެސް މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އެ ޓީވީ ފެންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތްތަކާއި އަޅުގަނޑުމެންގެ ދުވަހުގެ ހަރަކާތްތައް ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެ ޓީވީ ޗެނަލެއް ވުޖޫދުވެގެންދާނެ މި މަހުގެ 20 ވަނަ ދުވަހު،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ގެނެސްދޭނެ ޓީވީ ޗެނަލެއް ނެތުމުގެ ސަބަބުން އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީއާ މެދު "ހުސްކަމެއް" އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މެންބަރުން ބޭރަށް ކަމަކު ފުރައިގެން ގޮސްފިކަމަކުވާ ނަމަ އެ މައުލޫމާތު ވެސް ތަފާތު އެކި މީޑިޔާތަކުން، ތަފާތު އެކި އަޑި ނޭނގޭ ވެބްސައިޓްތަކުން ފަތުރަމުން ދިއުމުގެ ސަބަބުން މެންބަރުންނަށް މާޔޫސްކަމެއް ލިބެމުންދަނީ. އަދި މިއީ ކަނޑައެޅިގެން ރޭވިގެން ނާޖާއިޒް ފައިދާ ނެގުމަށް ކުރަމުންދާ މަސައްކަތްތެއް،"