ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިން 2010 ވަނަ އަހަރުން ފެށިގެން އުނިކުރި މުސާރަ މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

އެމްޑީޕީން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސީއެސްސީގެ މުވައްޒިފުންގެ މުސާރައިން 15 ޕަސެންޓް އުނިކުރީ ފަހުން އެފައިސާ ދޭގޮތަށް ކަމަށާއި ނަމަވެސް އެކަން ކުރެވިފައި ނުވާތީ ކަންބޮޑުވެވަޑައިގެންނަވާ ކަމަށެވެ.

ސަން އަށް ދެއްވި އިންޓަވިއެއްގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ސިވިލް ސާވިސްގެ މުވަޒިފުންގެ މުސާރަ އިން 2010 ވަނަ އަހަރު އުނިކުރި ފައިސާ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ދެމުން އަންނަ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން މިހާރު ނުދެވި ބާކީ ހުރީ ދެ މަހުގެ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފައިސާ ދެމުން އެގެންދަނީ، އެއް އަަހަރުގެ ތެރޭގައި އެ ފައިސާ ދޭ ގޮތަށް ސަރުކާރުން ނިންމާފައި އޮތީ، ސުޕްރީމް ކޯޓުން އެ މައްސަލާގައި ކުރި ހުކުމާ ގުޅިގެން. މިހާރު ވެސް ދެމުން އެގެންދަނީ، ބާކީ ދެން އޮތީ ދެ މަސް، އެ ދެ މަސް ތެރޭގައި އެފައިސާ ދީ ނިމޭނެ،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މުވައްޒަފުންގެ މުސާރަ އިން އުނިކުރި ފައިސާ މިދިޔަ އަހަރުން ފެށިގެން ދެމުން އަންނައިރު އެކި މުވައްޒަފުންނަށް އެ ފަައިސާ ދެމުން ގެންދަނީ އެކި މިންވަރަށް ކަމަށާއި އެ ފައިސާ ދެމުން ގެންދަނީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަލައިގެން ކަމަށެވެ.

"މުސާރަ އުނިކުރި އިރު ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް ފަހުން އެ ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވި، އޭރު އެގޮތަށް ދިމާވީ އެމުވައްޒަފުން ތިބީ ސިވިލް ސާވިސްގެ އޮނިގަނޑުން ބޭރުގައި. ހެލްތު ދާއިރާގެ ބައެއް މުވައްޒަފުން ތިބީ ހެލްތް ކޯޕަރޭޝަންތަކުގެ ދަށުގައި، އަދި މިސްކިތްތަކުގެ މުވައްޒަފުން އޭރު ތިބީ އިސްލާމިލް މިނިސްޓްރީގައި ނަމަވެސް ފަހުން ތިބީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި. އެހެންވެ އެގޮތަށް ހަމަޖައްސާފައި ތިބި މުވައްޒަަފުންގެ ކަންތައްތައް ހަމަޖެއްުސުމަށް ވަގުތު ކޮޅެއް ނެގި، މަރުވެފައި ތިބި މީހުންގެ ވާރިސުންނަށް ވެސް އެ ފައިސާ ދިނުމުގެ ކަންތައްތައް ވާނީ ހަމަޖައްސައިފައި، އެހެންވެ އެ ފައިސާ ނުލިބޭ މުވައްޒަފަކު ހުރެގެން ނުވާނެ،" ފަހުމީ ވިދާޅުވި އެވެ.

ސަރުކާރުން 2009 ވަނަ އަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން ތިން މަސް ދުވަހަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރީ އިގުތިސާދީ ހާއްސަ ހާލަތެއް ކުރިމަތިވެގެންނެވެ. އެ ތިން މަހު މުސާރަ ކުޑަކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އޭރު އެއްބާރުލުން ދިން ނަމަވެސް، ޖެނުއަރީ 2010 އަށް އެ މުއްދަތު ހަމަވުމުން އެ ކޮމިޝަނުން މުވައްޒަފުންގެ މުސާރަ އިއާދަކުރި އެވެ. އަދި މަޖިލީހުން ވެސް އެ އަހަރުގެ ބަޖެޓް ފާސްކޮށްފައި އޮތީ ހަމަ މުސާރަ ހިމަނައިގެންނެވެ. ނަމަވެސް ފިނޭންސުން އޮފީސްތަކަށް ކުޑަ މުސާރަ ޝީޓް ހަދަން އަންގައި، އެ އަހަރު ނިމެންދެން މުވައްޒަފުންނަށް ދެމުންގެން ދިޔައީ އެ ޝީޓުގައިވާ ގޮތަށް ކުޑަ މުސާރަ އެވެ.

އެ މައްސަލަ ކޮމިޝަނުން ޝަރީއަތަށް ހުށަހެޅުމުން ކުޑަކުރި މުސާރަ ޝީޓް ހަދަން ފިނޭންސަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ވެސް ވަނީ ހުކުމްކުރި އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އެމްޑީޕީ ސަރުކާރުން އިސްތިޢުނާފް ކުރުމުން އެކޯޓުން ވެސް ވަނީ ދަށު ކޯޓުތަކުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.