މޯބައިލް ފޯނު ވަގަށް ނެގުން އިތުރުވަމުންދާ ކަމަށާއި މޯބައިލް ފޯން ގެންގުޅުމުގައި ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރާއްޖޭގެ އެންމެ އާންމުކޮށް ހިނގާ އެއް ކުށަކީ ވައްކަން ކަމަށެވެ. އަދި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެންމެ އާންމުކޮށް މިހާރު ހުށަހަޅަނީ ގޯތި ގެދޮރުގައި ހުންނަ ތަކެތި ވަގަށް ނެގުމުގެ މައްސަލައާއި ދުއްވާއެއްޗެހީގެ ވައްކަމާއި މޯބައިލް ފޯނު ވަގަށް ނެގުމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެ އެވެ. އޭގެތެރެއިން ވެސް މޮބައިލްފޯނު ވަގަށް ނެގުމުގެ ނުތަނަވަސްކަން އޮތް ކަން ފުލުހުން ފާހަގަ ކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް ކުދި ވައްކަންތަކުގެ ގޮތުގައި ހައެއް ނުވަތަ ހަތް ވައްކަން ފުލުހުންނަށް ރިޕޯޓު ކުރެ އެވެ.

އަދި އެފަދަ މައްސަލަތައް ހިނގާފައި ހުންނަނީ ބަލަންވީ މިންވަރަށް ނުވަތަ ސަމާލުކަންދޭންވީ މިންވަރަށް ސަމާލުކަން ނުދެވުމުންކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި މޮބައިލް ފޯނު ސިޓިން ރޫމުގައި ނުވަތަ އެނޫން ވެސް ހާމަތަނެއްގައި ބޭއްވުމަށް ފަހު ކޮންމެވެސް އެހެން ދިމާއަކަށް ދެވޭ ވަގުތެއްގައި ގޭގައި މީހަކު ނޫޅޭ ނަމަ އެއީ ވައްކަންކުރާ މީހަކަށް ދެވުނު ދަޢުވަތެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ވަގުންގެ ކިބައިން އަގުބޮޑު ފޯނުފަދަ ތަކެތި ސަލާމަތްކުރުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއްކަމަކީ އާއްމުން އެއްވާ ތަންތަނުގައި ފޯނު ބޭނުކުރުން މަދުކުރުމާއި ފޯނު ނަގައިގެން ކުޅެން ހުންނައިރު ރައްކާތެރި ގޮތްތައް އިޚްތިޔާރު ކުރުން ކަމަށެވެ. އަދި އެފަދަ ތަނެއްގައި ފޯނު ބޭނުންކުރާ ނަމަ ވަށައިގެންވާ މާހައުލުގައި ތިބިބައެއްގެ ހަރަކާތްތަކަށް ވިސްނުން މުހިއްމު ކަމަށާއި އެފަދަ ވަގުތުތަކުގައި ފޯނަށް ކުރުޖަވާބެއް ދިނުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައި ފޯނު ޖީބުގައި ނުވަތަ ދަބަހުގައި ބޭއްވުމަށާއި ޖީބަށް ފޯނު ލައްވާއިރު ވެސް ބޭރަށް ނުފެންނާނެހެން އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މޯބައިލް ފޯނުގެ ވައްކަމަކީ ބައެއް ފަހަރު ވަރަށް ނުރައްކާތެރި އަދި ރައްޔިތުން އެއަށް ކޮންމެހެން ވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ. އެގޮތުން މިޒަމާނުގައި އެންމެ އާންމުކޮށް ބޭނުންކުރަނީ ސްމާޓް ފޯނުތައް ކަމަށްވާ އިރު އޭގައި ވެސް ޕާސަނަލް ކޮމްޕިއުޓަރެކޭ އެއްފަދައިން ޕާސްވޯޑްތަކާއި ކޮންޓެކްޓްތަކާއި ލިޔެކިޔުންތައް އަދި އިންޓަނެޓް ބްރައުޒް ހިސްޓްރީ ފަދަ ތަފާތު ބާވަތްތަކުގެ ނާޒުކު ޒާތީ މަޢުލޫމާތުތައް ރައްކާކުރެވިފައި ހުންނާތީ އެފަދަ ތަކެއްޗަކީ ރައްކާތެރިކަމާ އެކު ބެލެހެއްޓިދާނެ އަގުބޮޑު ތަކެތި ކަމަށް ފުލުހުން ބުނެ އެވެ. އަދި ފޯނެއް ގެއްލުމުގެ ކުރިން އެ ފޯނު ގެއްލިއްޖެ ނަމަ ހޯދޭނެ ގޮތް ހޯދުމަކީ ވެސް މިޒަމާނުގެ އެހާ އުނދަގޫކަމެއް ނޫން ކަން ވެސް ފުލުހުން ފާހަގަކުރެ އެވެ. އެގޮތުން އެކަމަށް ހަދާފައިވާ ޚާއްސަ ސޮފްޓްވެއާތަކުގެ ބޭނުން ހިފުމަށް ވެސް ފުލުހުން އެދެ އެވެ.

ފުލުހުންގެ މި އަހަރުގެ ޕްރިޔޯރިޓީސް ތެރޭގައި ވައްކަން ހިމެނޭ އިރު ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ވައްކަމާއި ފޭރުން އިތުރުވެފައިވެ އެވެ.