ދައުލަތް ފިޔަވައި ވަޒީފާދޭ އެހެންތަންތަނުގައި މަސައްކަތް ކުރާ މީހުން އަންނަ އަހަރުގެ މެއި މަހުގެ ކުރިން ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވާން ޖެހޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.


ޕެންޝަން އޮފީހުން އިއްޔެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ދައުލަތް ފިޔަވައި އެހެންތަންތާންގައި ވަޒީފާ އަދާކުރާ ފަރާތްތައް 1 މެއި 2011 ކުރިން ރިޓަޔަމަންޓް ސްކީމްގައި ބައިވެރިވާން ޖެހޭނެ ކަމަށާއި މުވައްޒަފުން އެ ސްކީމްގައި ބައިވެރި ކުރުވުމުގެ ކަންތައް ޕެންޝަން އޮފީހާ ގުޅައިގެން ކުރިއަށް ގެން ދިއުމަށް ވެސް އެ އޮފީހުން ވަނީ އެދިފަ އެވެ.


މި އަހަރުގެ މެއި މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުން ވަނީ ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ފައިސާ ދައްކަން ފަށައިފަ އެވެ.  


ޕެންޝަން އޮފީހުގެ އިޢުލާންގައި ބުނެފައި ވަނީ އަންނަ މެއި މަހުގެ ކުރިން އެ ސްކީމްގައި ބައިވެރިވެވޭ ގޮތަށް ގާނޫނުގައި އޮތުމުން، ޕެންޝަން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.


ދައުލަތް ފިޔަވައި އެހެންތަންތާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަދި އެކިއެކި ޚިދުމްތަދޭ ތަންތަން ހިމެނެ އެވެ.


އެ ސްކީމްގައި ބައިވެރުވުމަށްޓަކައި ކޮންމެ ފަރާތެއްވެސް ޕެންޝަން އޮފީހުގައި ރަޖިސްޓްރީން ވާންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.


ޕެންޝަނާ ބެހޭ ގާނޫނުގައި ބުނަނީ މަދުވެގެން އަސާސީ މުސާރައިގެ ހަތް ޕަސެންޓް ޕެންޝަން ސްކީމަށް ލާން ޖެހޭނެ ކަމަށެވެ.