އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީއާއި ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ މިރޭ ސްޓެމްފޯޑް ބްރިޖްގައި ބައްދަލު ކުރާ މެޗަކީ ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށްޓަކައި އަދި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ތިބުމަށްޓަކައި ވަރަށް މުހިއްމު މެޗެކެވެ.

ދެ ޓީމުންކުރެ ކޮންމެ ޓީމަކަށްވެސް މި މެޗު ނުހިމަނައި ބާކީ ދެމެޗު އޮތް އިރު ޗެލްސީ މި މެޗުން މޮޅުވެއްޖެނަމަ ފައިދާ ގޯލްގެ ރަނގަޅު ފަރަގެއް އެޓީމަށް ލިބިފައި ވުމުން ޗެމްޕިއަންސް ލީގަށް ކޮލިފައި ވާނެއެވެ. އެހެން ނަމަވެސް ސްޕާސްއަށް އެ މެޗުން މޮޅުވެވިއްޖެ ނަމަ ވޭތުވެ ދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެލްސީގެ ދަނޑުގައި އެޓީމު އަތުން މޮޅުވުމުގެ އިތުރުން ވާދަވެރި އާސެނަލް ފަހަތައް ޖައްސާލުމަށްފަހު ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް އެޓީމަށް ވަދެވޭނެއެވެ.

މިރޭގެ މެޗާ ބެހޭގޮތުން ޗެލްސީގެ ވަގުތީ ކޯޗު ރަފާ ބެނިޓޭޒު ބުނީ، ޓޮޓެންހަމްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މި މެޗަކީ ދެކުލަބަށްވެސް މުހިއްމު މެޗައް ކަމަށެވެ. އަދި ހާއްސަކޮށް ގަދަ ގަތަރެއްގެ ތެރެއަށް ވަނުމަށް މި މެޗަކީ ޓޮޓެންހަމްއަށް ވަރަށް މުހިއްމު މެޗަކަށް ވުމުން ސްޓެމްފޯޑް ބްރިޖްގެ މާހައުލު އިތުރަށް ފޯރި ގަދަވާނޭ ކަމަށެވެ.

ޓޮޓެންހަމް ކޯޗު އަންދްރޭ ވިއަސް ބޮއަސް ބުނީ ތިން ޕޮއިންޓު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި މި ދަނޑިވަޅުގައި އެއީ ފަސޭހަ ކަމަކަށް ނުވާނޭ ކަމަށެވެ. ކުރިން ޗެލްސީއަށް އިރުޝަދު ދިން ކޯޗު ބުނީ ލީގުގައި ނުވަ ޕޮއިންޓު ހޯދުމަށް ކަނޑައަޅާފައިވާ މަސައްކަތުގައި މި މެޗަކީވެސް މުހިއްމު މެޗެއް ކަމަށްވުމުން އޭނާގެ ޓީމު ނުކުންނާނީ އެކަމަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ. މި މެޗަކީ މީގެ 14 މަސް ކުރިން ޗެލްސީގެ ކޯޗު ކަމުން ވިއަސް ބޮއަސް ބޭރުކޮށްލިފަހުން އޭނާ ޗެލްސީގެ ދަނޑަށް ކުރާ ފުރަތަމަ ޒިޔާރަތެވެ.

ޗެލްސީ، އާސެނަލް އަދި ޓޮޓެންހަމް ގަދަ ހަތަރަކަށް ވާދަ ކުރާއިރު ބާކީ ތިން މެޗު 68 ޕޮއިންޓާއެކު ޗެލްސީ އޮތީ ތިންވަނައިގައެވެ. 67 ޕޮއިންޓު ބާކީ ދެ މެޗާއެކު އާސެނަލް ހަތަރު ވަނައިގައު އޮތްއިރު ފަސްވަނައިގައި ޓޮޓެންހަމް އޮތީ ބާކީ ތިން މެޗު 65 ޕޮއިންޓާ އެކުގައެވެ.

ލަންޑަންގެ ގަދަ ދެ ބާރު ކަމަށްވާ ޗެލްސީއާއި ޓޮޓެންހަމް ސްޓެމްފޯޑް ބްރިޖްގައި ގަދަ ހިފުމަކަށް ނުކުންނަ ޑާބީ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45ގަ އެވެ.