08 May 2013, 09:26
އަންކަރާ (މޭ 8): ފާއިތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި އިސްރާއީލުން ސޫރިޔާ އަށް ދިން ޙަމަލާތައް ތުރުކީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
ތުރުކީގެ ރައީސް ތަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އިސްރާއީލުން ސޫރިޔާއަށް ޙަމަލާދިނުމަކީ އެގައުމުގެ އަހްލީ ހަނގުރާމައިގެ ތެރެއަށް އިސްރާއީލު ވަނުން ކަމަށާއި އިސްރާއީލުން ސޫރިޔާ އަށް ޙަމަލާދީފައި ވަނީ ޢުދުވާނީ ނިޔަތެއްގައި ކަމުގަ އެވެ. އެހެންކަމުން އިސްރާއީލުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ގޮތުން ކުށްވެރިކުރަން ޖެހޭ ޢުދުވާނީ ޙަމަލާތަކެއް ކަމަށް ސިފަކުރައްވައި މިޙަމަލާތައް ދިނުމަށް އިސްރާއީލުން ދެއްކި ބަހަނާތައް ގަބޫލުނުކުރެވޭނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
އިސްރާއީލުން ވަނީ ފާއިތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި ދެފަހަރެއްގެމަތިން ސޫރިޔާއަށް އުދުވާނީ ޙަމަލާތައް ދީފަ އެވެ. ނަމަވެސް މިޙަމަލާތައް އދ.ގެ ސަލާމަތީ މަޖިލީހުން ވެސް އެމެރިކާ ފަދަ ހުޅަނގުގެ ބޮޑެތި ބާރުތަކުން ވެސް ކުށްވެރިކޮށްފައެއްނުވެ އެވެ. އުރުދުޣާން ވަނީ އިސްރާއީލުގެ ޙަމަލާތައް އދ. އިން ކުށްވެރިނުކުރާ މައްސަލާގައި ފާޑުވިދާޅުވެފަ އެވެ. ނަމަވެސް އުރުދުޣާން ވިދާޅުވީ މިހާރު އިސްރާއީލުން ސޫރިޔާ އަށް ޙަމަލާދިނުމުން އެކަމުގެ ސިޔާސީ ފައިދާނަގާނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ކަމަށާއި ބައްޝާރުގެ ސަރުކާރަކީ ސޫރިޔާގެ ރައްޔިތުންމަރަމުން ގެންދާ އަނިޔާވެރި ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށްވެސް އުރުދުޣާން ތުހުމަތުކުރެއްވި އެވެ.
ސޫރިޔާ އިން ވަނީ އިސްރާއީލުން ދިން ޙަމަލާތަކަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނާ ވިލަރެސްކޮށްގެން ދީފައިވާ ޙަމަލާތަކެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރު އިމްރާން އައްޒަޢަބީ ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވައި ޓެރަރިސްޓުންނާ އިސްރާއީލުން މުޢާމަލާތް ކުރަމުން ގެންދާކަމަށް ތުހުމަތުކުރައްވާފަ އެވެ. ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ ވެސް ސިއްރިޔާތުގައި އިސްރާއީލުން ކަމަށް ބެލެވޭކަމަށް ބައެއް މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ.
ކެމިކަލް ހަތިޔާރުގެ މައްސަލައާއި އިސްރާއީލުން ސޫރިޔާ އަށް ދިން ވައިގެ ޙަމަލާތަކަކީ ސޫރިޔާގެ އަހްލީ ހަނގުރާމައިން ފައިދާނަގައި އިސްރާއީލު ބޭނުންވާ ގޮތަށް އެ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލުމަށް އިސްރާއީލު ކުރަމުން ގެންދާ ކަމެއް ކަމަށް ބައެއް ތަޙްލީލީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)