08 May 2013, 09:22
ބެއިޖިންގ (މޭ 8): ޗައިނާ އިން އަސްކަރީ ޓެކްނޮލޮޖީ ތަރައްޤީ ކުރަނީ އެމެރިކާއަށް ޖާސޫސުކޮށްގެން ކަމަށް ބުނެ އެމެރިކާ ނެރުނު ރިޕޯޓަކަށް ޗައިނާ ދެކޮޅު ހަދައިފި އެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ހުވާޗޫނިނގް ވިދާޅުވީ އެމެރިކާގެ ރިޕޯޓަކީ އެމެރިކާގެ އަމިއްލަ ޚިޔާލު ކަމަށާ އެއީ ހަގީގީ މަޢްލޫމާތުގެ މައްޗަށް ބިނާވެފައިވާ ތެދުރިޕޯޓެއް ނޫންކަމަށް ވެސް ހުވާޗޫނިނގް ވިދާޅުވި އެވެ. ޓެކްނޮލޮޖީއަކީ މޮނޮޕޮލީ ކޮށްގެން އެއްގައުމަކަށް އަބަދު ގެންގުޅެވޭނެ އެއްޗެއް ނޫން ކަމާއި ދުނިޔެ ބަދަލުވެ އެހެންގައުމުތަކުން ވެސް ޓެކްނޮލޮޖީ އާއި އެނޫންތަކެތި ވެސް ތަރައްޤީކުރާނެ ކަމުގެ ހަޤީޤަތް އެމެރިކާ ގަބޫލުކުރަން ޖެހޭނެ ކަމަށް ޗައިނާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ޗައިނާ އެގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަނީ ޖާސޫސުކޮށްގެން އެމެރިކާ އިން ހޯދާ މަޢްލޫމާތުގެ އަލީގައި ކަމަށް ބުނެ ޕެންޓަގަން އިން ނެރުނު ރިޕޯޓާބެހޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރުގެ ދެކުނު އިރުމަތީ އޭޝިޔާގެ ކަންތައްތަކާ ބެހޭ އެހީތެރިޔާ ޑޭވިޑް ހެލްވީ ވިދާޅުވީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެމެރިކާ އަށް ޖާސޫސުކޮށްގެން ހަތިޔާރާއި އެނޫން ޢަސްކަރީ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައި ޗައިނާ ވަރަށް ކާމިޔާބު ކަމުގަ އެވެ. ޗައިނާ އިން އެގައުމުގެ ޢަސްކަރީ ޓެކްނޮލޮޖީ ހަލުއިމިނެއްގައި ތަރައްޤީ ކުރަމުން ގެންދާތީ މިކަމާމެދު އެމެރިކާ ކަންބޮޑުވާ ކަމަށް ހެލްވީ ވިދާޅުވި އެވެ.
އެމެރިކާ ތުހުމަތުކުރާގޮތުން ޗައިނާ ގެންދަނީ އައިޓީގެ ރޮނގުން ވަރަށް ކާމިޔާބުކާމާ އެކު އެމެރިކާއަށް ޖާސޫސުކުރަމުންނެވެ. ނަމަވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ މިކަން ދޮގުކުރެއްވި އެވެ. ޕެންޓަގަންގެ ރިޕޯޓްގައި ޗައިނާގެ ޢަސްކަރީ ޚަރަދުތަކުގެ ޙަގީގީ މިންވަރު ވެސް އެގައުމުން ސިއްރުކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. މިގޮތުން ޗައިނާގެ ޢަސްކަރީ ޚަރަދުތައް އެގައުމުން އިޢްލާންކުރާ މިންވަރަށް ވުރެ ދެގުނަ ނޫނީ ތިންގުނަ އިތުރުވާނެ ކަމަށް ވެސް އެމެރިކާގެ ރިޕޯޓްގައި އަންދާޒާ ކޮށްފައިވެ އެވެ. ޗައިނާގެ މި އަހަރުގެ ޢަސްކަރީ ބަޖެޓަކީ 114 ބިލިއަން ޑޮލަރު ކަމަށް ވިޔަސް އެބަޖެޓްގެ ޙަޤީޤީ އަދަދު މީގެ ދެގުނައިތުރުވާނެ ކަމަށް އެމެރިކާ ލަފާކުރެ އެވެ. (ނޫސްއެޖެންސީތައް)