08 May 2013, 09:20
އެމްޑީޕީގެ ސަރުކާރުގައި ސިވިލްސާވިސް [ސީއެސްސީ]ގެ މުވަޒިފުންގެ މުސާރަ އިން އުނިކުރި 15 ޕަސެންޓް އަނބުރާ ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުސްފަސްގަނޑު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާންގެ ސަރުކާރުން 2010 އަހަރު ސިވިލްސާވިސްގައި މަސައްކަތް ކުރި މުވައްޒިފުންގެ މުސާރައިން 15 ޕަސެންޓް އުނިކުރީ އެ ފައިސާ ފަހުން ދޭގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރެވިފައި ނުވާތީ ކަންބޮޑުވެވަޑައިގެންނަވާ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން 2010 ވަޢުދުވިން ސިވިލްސާވިސްގައި މަސައްކަތް ކުރާ މުވައްޒިފުންގެ މުސާރައިން އުނިކުރި 15 ޕަސެންޓް 2013 ވަނަ އަހަރު ދޭނެ ކަމަށް. އަލުން އަނބުރާ ސިލްވިލްސާވެންޓުންނަށް ދޭނެ ކަމަށް. އަޅުގަނޑުމެން ހިތާމަކުރަން އެ ފައިސާ އެ މުވައްޒިފުންނަށް ނުލިބޭ ކަމަށް [ޓަކައި]. އަޅުގަނޑު އެ މުވައްޒިފުންނަށް ޔަގީންކޮށް އަރުވަން އެމްޑީޕީގެ ސަރުކާރުގައި އެ 15 ޕަސެންޓް އުނިވިބައި އިރާދަކުރެއްވީއްޔާ ތިޔަ ބޭފުޅުންނަށް އަނެއްކާ ވެސް އަލުން އަނބުރާ އަރުވާނަން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ސަރުކާރަށް ދިމާވެފައި އޮތް މާލީ ދަތިކަން ހައްލުކޮށް ދިނީ ސިވިލްސާވިސްގެ މުވައްޒިފުން ކަމަށެވެ. އެގޮތުން ބަޖެޓް ޑިފަސިޓް 30 ޕަސެންޓުން ނުވަ ޕަސެންޓަށް ކުޑަ ކުރެވުނީ ސިވިލްސާވިސްގެ މުވަޒިފުން އެ މީހުންގެ މުސާރައިން 15 ޕަސެންޓް ކުޑަކުރުމަށް ފުރުސަތު ދިނުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ވިޔަފާރި ކުރިއަރުވަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ ވެސް ޖެހޭނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރާން ކަމަށާއި އެގޮތުން މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖާރައެއް ކަނޑައެޅެން ޖެހޭނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖާރައެއްގެ ގޮތުގައި 4500ރ. ހަމަޖައްސާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސިވިލްސާވިސްގައި މަސައްކަތް ކުރާ ވަރަށް ގިނަ މުވަޒިފުން އިތުރުގަޑީގެ ފައިސާގެ ކުޑަ ވުމުގެ ޝަކުވާ ކުރާ ކަމަށާއި އެހެން ކަމުން އެމްޑީޕީގެ ސަރުކާރެއްގައި ޕޭ ކަމިޝަން މެދުވެރިކޮށް އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.