07 May 2013, 22:12
ޞިއްޙީ ޚިދްމަތް ފޯރުވައިދޭ ތަންތަނުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރައްވައި އާ އޮނިގަނޑެއް އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ޑޮކްޓަރުންގެ މުސާރަ މުރާޖަޢާ ކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލެއްވުމަށް ފަހު، 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވައިލައްވާ އިރު، މިކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނުއްވުމަށާއި އަދި 1 ޖަނަވަރީ 2014 އިން ފެށިގެން މި އޮނިގަނޑު ތަންފީޒު ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރައްވަން ނިންމެވީ، އެތެރެވަރީގެ ޤައުމުތަކުން ރާއްޖެއަށް، ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދެވޭނީ، ޑޮކްޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވައިގެން ކަމުގައި މެންބަރުން ވިދާޅުވި އެވެ. ރާއްޖެ އަށް ޑޮކްޓަރުން ގެނައުމުގައި، ޞިއްޙީ ދާއިރާގައި ޑޮކްޓަރުންނަށް މިހާރު ދެއްވަމުން ގެންދަވާ މުސާރައިގައި، ފެންވަރު ރަނގަޅު ޑޮކްޓަރުން، އެތެރެވަރީގެ ޤައުމުތަކުން ލިބުމުގައި ދަތިތަކެއް ހުރިކަންވެސް މެންބަރުން ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރެއްވެން ހުރި ކަންތައްތަކާއި އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވި އެވެ.