07 May 2013, 21:32
ދިގު މުއްދަތަކަށް އިޓަލީގެ ބޮޑުވަޒީރުކަން ކުރެއްވި އެގައުމުގެ ކުރީގެ މަޝްހޫރު ޕޮލިޓީޝަން ޖޫލިއޯ އެންޑްރިއޮޓީ އުމުރުފުޅުން 94 އަހަރުފުޅުގައި އަވަހާރަވެއްޖެ އެވެ.
އެންޑްރިއޮޓީ އަވަހާރަވެފައިވަނީ ހިތުގެ އާލާސްކަންފުޅާއި އަދި ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޯމްގައި ހުންނަ އޭނާގެ ގޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންޑްރިއޮޓީ ވަނީ 1972-1992 އާއި ހަމައަށް ހަތްފަހަރެއްގެ މަތިން އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާވަނީ އިޓަލީގެ ސިޔާސީ މަސްރަހު އެތަކެއް އަހަރުތަކެއް ވަންދެން ކޮންޓްރޯލް ކުރަމުން ގެންދިޔަ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީ ހިންގެވުމުގައި އެންމެ މުހިއްމު ދައުރު އަދާކުރައްވާފައެވެ. އަދި 1942 ން ފެށިގެން 1992 އާއި ހަމައަށް އޭނާ ވަނީ އިޓަލީގެ ސަރުކާރުގެ އެތައް ބައިވަރު ވަޒީފާތަކެއް އަދާކޮށްފައެވެ. އުމުރު ފުޅުން އެންމެ 28 އަހަރު ފުޅުގައި އިޓަލީގެ ޖޫނިއާ މިނިސްޓަރުކަމުން ފެށިގެން ގޮސް މިނިސްޓަރު ފެންވަރުގެ އެތައް މަގާމެއް އޭނާ ވަނީ ފުރުއްވާފައެވެ. އެގޮތުން އޭނާ ވަނީ "މރ. އިޓަލީ"ގެ ނަމުންނެވެ.
އެންޑްރިއޮޓީގެ ވެރިކަން ނިމުނުފަހުން އޭނާގެ މައްޗަށްވަނީ ކޮރަޕްޝަނާއި ފަސާދައިގެ ތަފާތު ތުހުމަތުތައް ކުރެވިފައެވެ. އަދި ބޮޑެތި މަރުގެ ކުއްތަކާއި ދުނުޔޭގެ އެންމެ ބޮޑެތި މުޖުރިމުންގެ ޖަމާއަތް ކަމަށްވާ މާފިޔާއާވެސް ގާތްގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.
އެންޑްރިއޮޓީއަކީ ހުޅަނގުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަދި އެމެރިކާއާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ހަމަ އެއާއެކު އޭނާގެ ސަޕޯޓަރުން ސިފަ ކުރާގޮތުގައި އެންޑިރިއޮޓީއަކީ އިޓަލީއަށް މިޒަމާނުގެ ތަރައްގީއާއި ޑިމޮކްރަސީ ގެނައުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ފަރާތެވެ.
އެންޑްރިއޮޓީގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ފަޅާއަރުވަން އުޅުނު ނޫސްވެރިޔަކު މަރާލިކަމުގެ ކުށުގައި އޭނާއަށް ވަނީ 24 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ. އެހެން ނަމަވެސް އެމައްސަލަ އިސްތިއުނާފުކޮށް އޭނާވަނީ އޭނާގެ ހަޔާތުގެ ފަހު އަހަރުތަކާ ޖެހެންދެންވެސް އެގައުމުގެ ސެނެޓަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައެވެ.