07 May 2013, 17:36
ހިއުމަން ޓްރެފިކިން އިންޑެކްސްގައި ރާއްޖެ މިހާ މައްޗަށް ދާން ޖެހުނީ ބިދޭސީންގެ މައްސަލަ ތަކުގައި ޒިންމާވާން ޖެހޭ ދިވެހީން ހޯދާ އެ މީހުންނާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ ކަމަށާއި، އެހެން ކަމުން ގާނޫނީ އިމުގެ ތެރެއިން އެފަދަ މީހުންނާއި މެދު އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލަރު އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ އަމިއްލަ ފައިދާ އަށް އެފަދަ ވިޔާނުދާ އަމަލުތައް ހިންގާފައި ތިބި ދިވެހީންނާއި މެދު މީގެ ކުރީން ފިޔަވަޅު އަޅާފައި ނުވާތީ، ތަކުރާރު ކޮށް އެ ފަދަ މީހުން ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"އެހެންވީމައި މިހާރު އަޅުގަނޑުމެން މި ފެށީ ފިޔަވަޅު އަޅަން. އެ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅާނަން. އެއީ ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް ކުރާން ޖެހިފައި އޮތް ކަމެއް. އެހެންވީމާ ގާނޫނު ހުއްދަ ދޭ ގޮތުގެ މަތީން ފަންސާސް ހާސް ރުފިޔާ އާ ދޭތެރޭގައި އަޅުގަނޑުމެންނަށް ޖޫރިމަނާވެސް ކުރެވޭނެ،" ކޮންޓްރޯލަރު ވިދާޅުވިއެވެ.
ކޮންޓްރޯލަރު ވިދާޅުވީ ގަވާއިދާއި ޚިލާފުވާ ބިދޭސީންގެ މައްސަލަ ތަކުގެ ހުރިހާ މަރުހަލާ ތަކެއްގައިވެސް ދިވެހީން ބައިވެރިވާ ކަމަށާއި އެގޮތުން ކޯޓާގެ ތެރެއިން ރާއްޖެ އެތެރެ ކުރުމަށްފަހު އެ މީހުންނަށް ގަވާއިދާއި ޚިލާފުވާން މަޖުބޫރު ކުރުވާ ކަމަށެވެ. އެފަދަ މީހުންނަށް ދޭން ޖެހޭ ހައްގުތައް ނުދިނުމުގެ ސަބަބުން އަމިއްލަ އަށް އެހެން ގޮތެއް ހޯދަން ނުކުތުމަށް އެ މީހުންނަށް މަޖުބޫރުވާ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
މަދު މުވައްޒަފުން ތަކާކާއި އެކު މަސައްކަތް ކުރާ އިރުވެސް އިމިގްރޭޝަންގެ މަސައްކަތްތައް މިހާރު ވަރަށް ހަލުއި ކަމާއި އެކު ކުރިއަށް ގެންދެވޭކަން ފާހަގަ ކުރައްވަމުން ކޮންޓްރޯލަރު ވިދާޅުވީ އޭގެ ތެރެއިންވެސް ޚާއްސަ ގޮތެއްގައި ޕާސްޕޯޓުގެ މައްސަލަތައް ވަރަށް ބޮޑަށް މަދު ކުރެވި އަދި އެ މަސައްކަތް އެތައް ތަނަކުން ހަލުވި ކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާސްޕޯޓުގެ މަސައްކަތް ތަކައް ގެނެވުނު ކުރި އެރުމާއި ގުޅިގެން މިދިޔަ އަހަރު އެކަނިވެސް 32،000 ޕާސްޕޯޓު ދޫ ކޮށްފައިވާނެ ކަމަށެވެ.
މީގެ ކުރީން ރާއްޖެ އަންނަ ޓީޗަރުންނާއި މެދު ބައެއް މައްސަލަތައް ދިމާވެފައިވީ ނަމަވެސް މި އަހަރަކީ މަދު މުވައްޒަފުން ތަކަކާއި އެކު ރެއާއި ދުވާލު މަސައްކަތް ކޮށްގެން އެ ކަމުގައިވެސް ވަރަށް ބޮޑު ކާމިޔާބީ އެއް ހާސިލް ކުރެވުނު އަހަރެއް ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ފަޚުރުވެރި ކަމާއި އެކު މި ދަންނަވާލަނީ މި އާ އަހަރު ރާއްޖެ އެތެރެ ކުރާން ޖެހުނު ޓީޗަރުންގެ މައްސަލަ. މި އަހަރު އިރާދަ ކުރެއްވިއްޔާ 2400 ޓީޗަރުން އެތެރެ ވީ އިރުގައި އެންމެ މައްސަލައެއް ވެސް ފެންމަތި ވެފައެއް ނެތް. މި ހާލަތުގައި ކަންކަން އޮތް އިރުވެސް،" އޭނާ ވިދާޅުވިއެވެ.