07 May 2013, 17:28
ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޭސް "ދިރާގް މޯލްޑީވުސް ރޯޑް ރޭސް" އަށް ރި ބްރޭޑްކޮށް ކުޑަކުދިނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަހަރު ވެސް ބާއްވާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.
މި އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަތް ވަނަ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭހާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖާ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ އެ އިވެންޓަކީ ހަމައެކަނި ކަސްރަތު ކުރުމުގެ ބަދަލުގައި މުޖުތަމައުގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވަމުން އަންނަ އިވެންޓެއްކަމަ ށެވެ. އަދި އެރޭސް ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވަނީ އެކަމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާތީ އާންމުން އެކަމަށް ހޭލުންތެރިކުރުމަށް ކަމަށް ވިދާޅުވި އެވެ.
މި އަހަރު ދިރާގުން ބާއްވާ ބްރޯޑް ބޭންޑް ރޯޑް ރޭހުގައި ތަފާތު ކެޓަގަރީތަކުން ވަނަތައް ހޮވައި އެ ފަރާތްތަކަށް އިނާމް ދިނުން އޮންނާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ. އެގޮތުން އޯޕަން ގެޓަގަރީއާއި ސުކޫލް ކެޓަގަރީގެ އިތުރުން 45 އަހަރުން މަތީ ބޭފުޅުންނަށް ހާއްސަ ކެޓަގަރީ އިން ވެސް އަންހެން ފިރިހެން ހޮވައި އެފަރާތްތަކުގެ ތެރެއިން ވަނަވަނަ އަށްދާ ފަރާތްތަކަށް ފައިސާގެ އިނާމް ދޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.
ދިރާގް މޯލްޑިވްސް ރޯޑް ރޭސް އިއްތިހާހުރުމަށް ފަހު އެރޭހާއި ގުޅޭ މައުލޫމާތު ހިމެނޭ ވެބް ސައިޓް ކަމުގައިވާ www.dmrr.mv ލޯންޗް ކޮށްދިނުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ ޖުމުލަ 3000 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަފައިވާ އެ ރޭހުގައި ބައިވެރިވުމަށް ބޭނުއްވާ ފަރާތްތަކަށް އެވެބްސައިޓް މެދުވެރިކޮށް ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި ކުޑަކުދިންނާ މެދު ކުރާ އަނިޔާތަކާ މެދު ހޭލުންތެރިކުރުމަށް ތަފާތް ޕުރޮގުރާމްތައް ހިންގުމަށް ނިންމާފައިވާކަމަށް އިމްޖާދު ވިދާޅުވި އެވެ.
ކުޑަކުދިންނާ މެދު ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ އެރޭހުގައި ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ކެޕްސް އާއި އާކް ބައިވެރިވެ އެވެ. އަދި ސޮނީ ސްޕޯޓްސް އާއި އެޓްލެޓިކުސް އެސޯސިއޭޝަންގެ އިތުރުން އެމްބީސީ ވެސް އެރޭސް ބޭއްވުމަށް އެހީތެރިވެ އެވެ.