07 May 2013, 16:46
ޗެލްސީގެ ކުރީގެ ކޯޗު އަދި ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ، އަހަރަކު 10 މިލިޔަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން އެނބުރި ޗެލްސީއަށް އައުމަށް އެއްބަސް ވެފައިވާކަމަށް ޑެއިލީ މެއިލް އިން ބުނެފިއެވެ.
މޮރީނިއޯ ޗެލްސީއަށް އެނބުރި އައުމަށް ނިންމާފައިވަނީ ވެސްޓްލަންޑަންގެ "ލަ ފެމިގްލިއާ ރެސްޓޯރަންޓް"ގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާއެކު ބޭއްވުނު ރޭގަނޑުގެ ޖާފަތެއްގައި ކަމަށްވެއެވެ. އަދި އެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ އަހަރަކު 10 މިލިޔަން ޕައުންޑުގެ ފީއަކަށް ޗެލްސީއާ ހަވާލުވުމަށް އެއްބަސްވެފައެވެ.
ސްޕޯޓްސް މެއިލްގައި ހާމަކޮށްފައިވާގޮތުން ޗެލްސީއަށް ބަދަލުވުމުގެ ކުރިން މޮރީނިއޯ، ރެއާލްއާ މަޝްވަރާ ކުރަން ޖެހޭނެއެވެ. އަދި ރެއާލް އިން "ރިލީޒް" ހޯދުމަށް އިތުރު 12 މިލިޔަން ޕައުންޑުވެސް ޗެލްސީއިން ދައްކަން ޖެހޭނެއެވެ. އެހެން ނަމަވެސް އެފަދަ އެތަށް މިލިޔަން ޕައުންޑެއް ކޯޗުން ހޯދުމަށް ހަރަދު ކޮށްފައިވާ އަބްރަމޮވިޗަށް އޭނާ ބޭނުންވާ މީހަކު ޗެލްސީއަށް ގެނައުމަށް 12 މިލިޔަން ޕައުންޑު މާ ބޮޑު އެއްޗަކަށް ނުވާނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މޮރީނިއޯ ޗެލްސީއަށް ގެންނަކަން ރަސްމީކޮށް އިއުލާނު ކުރާނީ، ޖުލައި މަހު، އެކުލަބު ޕްރީ-ސީޒަން މެޗުތަކަށް އިރުމަތީ އޭޝިޔާއަށް ފުރުމުގެ ކުރިންނެވެ.
ޗެލްސީގެ ކުރީގެ ކޯޗު އަދި ޕޯޓޯގައި މޮރީނިއޯގެ ދަށުން މަސައްކަތްކުރި ޓޮޓެންހަމް ހޮޓްސްޕާގެ މިހާރުގެ ކޯޗު އަންދްރޭ ވިއަސްބޮއަސް ބުނެފައިވަނީ މޮރީނިއޯ އިންގްލެންޑަށް އަނަން ނިންމައިފިނަމަ އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ޗެލްސީއަކީ އޭނާ އަބަދުވެސް އަންނަ ބޭނުންވާފަދަ ރަނގަޅު ކުލަބެއް ކަމަށެވެ.
ވިއަސްބޮއަސް އިތުރަށް ބުނެފައިވަނީ ކަމެއް ނިމިފައި ނުވާނަމަ ބަޔަކު މީހުން އެހާ ހާމަކަން ބޮޑުކޮށް ބައްދަލުކޮށް ނުހަދާނޭ ކަމަށެވެ.
ސްޕެއިންގެ މީޑިޔާތަށް ބުނާގޮތުގައި މޮރީނިއޯ ޗެލްސީއާ ގުޅޭއިރު އޭނާއާ އެކު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ހުނަރުވެރި ފޯވަޑް ރޮބާޓް ލުވަންޑޯސްކީވެސް ޗެލްސީއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.