07 May 2013, 16:15
ރާއްޖެ އަށް އިންޑިއާ އިން ހިލައާއި ހިލަވެލި އަދި ވީސާ ހޯދުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސަލްމާން ހޫރުޝީދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ އިންޑިޔާގެ އެހީތެރިކަން ބޭނުންވާ ބައެއް ކަންކަމުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވާފައި ވަނީ އިންޑިޔާގެ ދައުވަތަކަށް އަބްދުﷲ ޝާހިދު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއަޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމާއި އަދި ވިސާގެ މައްސަލާގައި ދެ ގައުމުގެ މެދުގައި ކުޑަ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
ހަމަ އެހެންމެ ރާއްޖޭގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކަންކަން މޮނިޓަކޮށް ބެލުމުގައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން އިންޑިއާ އިން ދެއްވާނެ ކަމުގައި ވެސް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
މީގެ އިތުރުން އިންޑިއާގެ އެކްސްޓަނަލް އެފެއަޒް މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އަށް ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހުޅުވިފައިވާ ކަމަށާއި ރާއްޖޭގެ ދަރިވަރުންނަށް އަބަދު ވެސް އިންޑިއާ އިން ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ވަނީ ފާހަގަކޮށްފަ އެވެ.