07 May 2013, 16:14
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވާން ނަޝީދަށް އަނެއްކާ ވެސް ފުރުސަތު ދެއްވައިފި އެވެ.
ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކުގައި ބުނެފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ހައިކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ޖޭއެސްސީން ނެންގެވި އިޖުރާއީ ނުކުތާތައް ސާފުވެވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އިޖުރާއީ ނުކުތާތައް ސާފުވެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ސާފުނުވާ ކަންކަމާ ގުޅޭ ގޮތުން ޖޭއެސްސީއާ ސުވާލުކުރުމަށް ނަޝީދުގެ ގާނޫނީ ޓީމަށް ފުރުސަތު ދެއްވާފަ އެވެ. އަދި ފަނޑިޔަރުންގެ ބެންޗުން ވެސް ވަނީ ޖޭއެސްސީގެ ވަކީލުންގެ ޓީމާއި ވަރަށް ގިނަ ސުވާލުތަކެއް ކުރައްވައި އިޖުރާއީ ނުކުތާތަކާ ގުޅިގެން ސާފުކުރަންޖެހޭ ބައެއް ކަންކަން ސާފުކުރައްވާފަ އެވެ.
ޖޭއެސްސީގެ ވަކީލުންގެ ފަރާތުން ގިނަ ސުވާލުތަކަކަށް ޖަވާބު ލިބިވަޑައިގަތުމުން ރައީސް ނަޝީދަށް ދެއްވި ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ އިޖުރާއީ ނުކުތާތައް މިހާރު ސާފުވެއްޖެ ކަމަށާއި އެ ނުކުތާތަކަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ޖޭއެސްސީގެ ވަކީލުންނާ ކުރެއްވި ސުވާލުތަކަށް އެބޭފުޅުން ދެއްވި ޖަވާބުން ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ބެންޗުގައި ހިމެނުމަށް ޖޭއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅި ތިން ފަނޑިޔާރުންގެ ނަންފުޅަކީ ހުޅުމާލޭ ކޯޓުން އެ ކޮމިޝަނަށް ފޮނުވި ތިން ފަނޑިޔާރުންގެ ނަންފުޅު ނޫންކަން އެނގިފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް ކަނޑައެޅުމަށް ޖޭއެސްސީން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުނު އިރު ފޮނުވި ތިން ފަނޑިޔާރުންގެ ނަންފުޅަކީ އެ ކޮމިޝަނުން އަމިއްލައަށް އިޚްތިޔާރު ކުރެއްވި ފަނޑިޔާރުންތަކެކެވެ.
ޖޭއެސްސީގެ ވަކީލުން ވިދާޅުވެފައި ވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެހެންކަމުން އެއީ ސުޕްރީމް ކޯޓުގެ ނިންމުމާކާއި އެއް ދަރަޖައެއްގެ އެއްޗެއް ކަމަށެވެ. ނަމަވެސް ނަޝީދުގެ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކީ އެ ކޯޓުން ނިންމާ ނިންމުމަކާ އެއްދަރަޖައެއްގެ އެއްޗެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސްފަނޑިޔާރު އަހްމަދު ޝަރީފް އަލީ ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށެވެ. އަދި އެ ދުވަހު އޮންނާނީ ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކަށް ނަޝީދުގެ ފަރާތުން ޖަވާބުދާރީވުން ކަމަށާއި އެއަށްފަހު އެހެން ދުވަހެއްގައި އިޖުރާއީ ނުކުތާތަކާ މެދު ކޯޓުން ގޮތެއް ނިންމާނެ ކަމަށް ވެސް އިސްފަނޑިޔާރު ވިދާޅުވި އެވެ.