ފިލިޕީންސްގެ ސުބިކް ބޭގައި ބޭއްވި 20 ވަނަ އޭޝިއަން ޓްރައިތްލޯން ޗެމްޕިއަންޝިޕްގައި ބައިވެރިވެ، ރާއްޖެ އަށް ރަން ވަނައެއް ހޯދައިދިން ޔައުޤޫބް އަހުމަދަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފު މަރުހަބާ ކިޔައިފި އެވެ.

ޓްރައިތްލޯން އިވެންޓުގައި ހިމެނެނީ ފެތުމާއި ބައިސްކަލު ދުއްވުމާއި އަދި ދުވުމެވެ. އެގޮތުން ރާއްޖެ އިން ބައިވެރިވެފައި ވަނީ ސުޕްރިންޓް އިވެންޓެއް ކަމުގައިވާ، 750 މީޓަރު ފެތުން، އަދި 5.4 ކިލޯ މީޓަރުގެ ބައިސްކަލު ދުވުމުގަ އެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ޔައުގޫބަށް މަރުޙަބާކިޔުމަށް ބޭއްވުނު ބައްދަލުވުމުގައި މި މިނިސްޓްރީގެ އިސްވެރިން އަދި "ދިވެހި ސިފައިންގެ ކްލަބް"ގެ އިސްބޭފުޅުން އަދި ނެޝަނަލް ޓްރަައިތްލޯން އެސޯސިއޭޝަންގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަތެވެ.
ވިހި ވަނަ އޭޝިއަން ޓްރައިތްލޯން ޗެމްޕިއަންޝިޕްގައި ބައިވެރިވެ ޔައުޤޫބުވަނީ އޭނަ ބައިވެރިވި ކެޓަގަރިއިން ތިން ވަނަ ހޯދައިފަ އެވެ. މިއީ ރާއްޖޭގެ އެތްލީޓަކަށް އޭޝިއަން ޗެމްޕިއަންޝިޕްގައި މެޑެލެއް ލިބުނު ފުރަތަމަ ފަހަރެވެ.

އަދި މިއަދު ބައްދަލުވުމުގައި ޔައުޤޫބު ވާހަކާގައި ބުނެފައި ވަނީ، މި ވަނަ ލިބުމަކީ އޭނާއަށާއި ޤައުމަށް ލިބުނު ފަޙުރެއްކަަމަށެވެ. މި މުބާރާތުގައި ބައިސްކަލު ދުއްވާފައި ވަނީ ކުއްޔަށް ބައިސްކަލެއް ނަގައިގެންކަމަށާއި ޕްރެކްޓިސްކުރާނެ ބައިސްކަލެއް ހުރި ނަަމަ މިއަށްވުރެ ނަތީޖާ ރަނގަޅު ވާނެކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ޓްރައިތްލޯން ފަދަ އާ ކުޅިވަރުތަކުން ލިބޭ މިފަދަ ކާމިޔާބީތައް ސަރުކާރުން ފާހަގަ ކުރެއްވުުން އެއީ މިކަމަށް ޝައުވެރިކަން ހުރި ކުޅުުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމުގަ އެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެފައި ވަނީ، މިކުޅިވަރަކީ ދިވެހި ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމުގަ އެވެ. އަދި އެކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.