ސާކު ގައުމު ތަކުގެ މެދުގައި އިންޑިއާގެ ކަލްކައްތާ ގައި މިހާރު ކުރިއަށްދާ 17ވަނަ ސާކު ކެރަމް މުބާރާތުގެ ފިރިހެން ޑަބަލްސް އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތަކުން ދިވެހި ކުޅުންތެރިން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ދިވެހި ފިރިހެން ޑަބަލްސް ޕެއާ ކަމަށްވާ ޝާފީ މުހައްމަދު އާއި ހަސަން ނާޒިމް ތިންވަނަ ހޯދިއިރު މި އިވެންޓް ގެ ފައިނަލްގައި އިންޑީޔާގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ޗަމިލްކޫރޭ އާއި ނިޝާންތަ ފެނާންޑޯ އެވެ.

ދިވެހި އަންހެން ޕެއާ ކަމަށްވާ އައިޝަތު ފައިނާޒާއި އާމިނަތު ވިޝާމާ ތިންވަނަ ހޯދި އިރު މި އިވެންޓް ގެ ފައިނަލްގައި އިންޑީޔާގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ޗަލަނީ ލިޔަނަގެ އާއި ރޮޝިތާ ޖޯސެފެވެ.

މިކްސް ޑަބަލްސް އިވެންޓުގައި ހަސަން ޝާމިންއާއި އާމިނަތު ނިފާޝާގެ ޕެއާ ތިންވަނަ ހޯދި އިރު ސްރީލަންކާގެ މިކްސް ޑަބަލްސް ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިންޑިޔާގެ ޕެއާ އެވެ.

ފިރިހެން ޑަބަލްސް އިވެންޓްގައި ހަ ޕެއާ (ޤައުމަކުން އެއް ޕެއާ)، އަންހެން އަދި މިކްސް ޑަބަލްސް އިވެންޓް ތަކުގައި ފަސް ޕެއާ ބައިވެރިވި އެވެ. މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޑަބަލްސް އިވެންޓެއްގައިވެސް ގައުމަކުން ބައިވެރި ކުރެވެނީ އެއް ޕެއާ އެވެ.

މި ކާމިޔާބީގެ އިތުރުން އިއްޔެ ނިމިގެން ދިޔަ ޓީމް އިވެންޓްތަކުން ދިވެހި ޓީމްތައް ހޯދި ބްރޯންޒް މެޑަލް އާއި އެކު މިއީ ސާކު ކެރަމް މުބާރާތުގެ ވޭތުވެ ދިޔަ 17 އަހަރު ތެރޭގައި ދިވެހި ކުޅުންތެރިން ހޯދި އެންމެ ރަނގަޅު އެއް ނަތީޖާއެވެ.

މުބާރާތުގައި މިހާރު ކުރިއަށް ދަނީ ސިންގަލްސް އިވެންޓުގެ ކުއާާޓާ ފައިނަލް މެޗުތަކެވެ. ފިރިހެން ސިންގަލްސް އިވެންޓް ކުއާޓާ ފައިނަލަށް ހަސަން ނާޒިމް އާއި ހަސަން ޝާމިން ދަތުރުކޮށްފައިވާ އިރު ދިވެހި އަންހެން ތިން ކުޅުންތެރިންވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މުބާރާތް ކުރިއަށް ދަނީ ކަލްކަތާގެ ފައިވްސްޓާ ހޮޓަލެއް ކަމަށްވާ ޕްރައިޑް ހޮޓެލްގައެވެ.