07 May 2013, 15:20
އައިޖީއެމް ހޮސްޕިޓަލުގެ ވޯޑްތަކުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެއްޗާ އެކު، ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ދިޔައިރު އާންމުގެ ބަޔަކު އެމީހާ ހިފަހައްޓައިގެން ތިއްބައި ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެމީހާ ހައްޔަރުކޮށް، ހަށިގަނޑު ބަލައި ފާސްކުރި އިރު ހޮސްޕިޓަލުގެ ވޯޑްތަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފޯނެއް ފެނިފައވާ ކަމަށް ފުލުހުން ބުނެ އެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ވޯޑްތަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި މިވަނީ އައިޖީއެމް ހޮސްޕިޓަލްގެ ވޯޑްތަކުން ފަހަކަށް އައިސް ވަރަށް ގިނައިން ވައްކަން ކުރަމުންދާ ކަމަށް އެ ވޯޑްތަކުގައި ތިބި ބަލި މީހުންނާ ހަވާލުވެ ތިބޭ މީހުންގެ ޝަކުވާތައް ފެންމަތިވެފައި ވަނިކޮށެވެ. އަދި އެ ހޮސްޕިޓަލުގައި ސެކިއުރިޓީ މައްސަލަތަކެއް ހުރި ކަމަށް ވެސް ވޯޑުތަކުގައި ތިބޭ މީހުން ވަނީ ބުނެފަ އެވެ.