ކައުންސިލަރުންގެ މެދުގައި ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ރަށާއި އަތޮޅު ތަރައްގީ ކުރުމުގައި ހިޔާލުތަފާތުވެގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ އެކަމުގެ ނިކަމަތިކަން ލިބޭނީ ރައްޔިތުނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

އައްޑު އާއި ފުވައްމުލަކު ކުޅީގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިހާކުރުމަށް މިއަދު ޓްރޭޑާސްގައި ބޭއްވި ރަސްމިޔާތުގައި ނައިބު ރައީސް ޑީން ވިދާޅުވީ ހިޔާލު ތަފާތުވުމަކީ "މުއްސަނދި"ކަމެއް ކަމަށާއި ނަމަވެސް ރަށް ތަރައްގީ ކުރުމުގައި ހިޔާލު ތަފާތުވެގެން ނުވާނެ ކަމަށެވެ.

"ކިތަންމެ ހިޔާލު ތަފާތުވި ނަމަވެސް ރަށުގެ ކުރިއެރުމަށް އަތޮޅުގެ ކުރިއެރުމަށް ހިޔާލު ތަފާތުވާން ވެއްޖެއްޖިއްޔާ އޭގެ ނިކަމެތިކަން ލިބޭނީ ރައީސް ވަހީދަކަށް ނޫން. އަދި ރައީސް ނަޝީދަކަށް ނޫން. އަދި ރައީސް މައުމޫނަކަށް ވެސް ނޫން. ހަމަ ނިކަމެތި ރައްޔިތުންނަށް. ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި އެކަން އިނގޭތޯ. ހިޔާލު ތަފާތުވާން ޖެހޭނެ. ހިޔާލު ތަފާތުވުމަކީ މުއްސަނދިމެއް. އެހެން ނަމަވެސް ރަށް ކުރިއެރުވުމުގައި ހިޔާލު ތަފާތު ނުކުރައްވާތި. އަތޮޅު ތަރައްގީ ކުރެއްވުމުގައި ހިޔާލު ތަފާތު ނުކުރައްވާތި." ޑީން ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމަށް އެންމެ ބޮޑަށް ބާރު އެޅުވި ޑީން ވިދާޅުވީ ރަށު ކައުންސިލަރުން އުފެއްދީ އެ ބޭފުޅުންކީ ރަށާއި އަތޮޅު މަޝްވަރާކޮށްގެން ތަރައްގީ ކުރެވޭނެ މީހުން ކަމަށް ވާތީ ކަމަށާއި މަޝްވަރާގެ އުސޫލުން ނޫނީ ކަމެއް ހާސިލްނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ މަގުސަދު ހާސިލު ވުމުގެ ކޮޅުމަތި ފެންނަމުން އަންނަ ކަމަށާއި ރަށުގެ އެކި މަޝްރޫއު ކައުންސިލްތަކުން އިސްނަގައިގެން ކުރުމަކީ ލާމަރުކަޒީ ނިޒާމެއް އުފެއްދުމުގެ ބޭނުން ކަމަށެވެ.

ޑީން ވިދާޅުވީ ކައުންސިލްތަކަށް އުނގަނައި ދިނުކީ މިނިސްޓްރީތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ޒިންމާއެއް ކަމަށާއި ކައުންސިލްތަކަށް ކަންކަން ކުރުމުގައި މަގުފަހި ކޮށްދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޑީން ވިދާޅުވީ ސިޔާސީ ފިކުރު "ވަރަށް ގަދައަށް ހުންނަން ޖެހޭނެ" ކަމަށާއި ނަމަވެސް ސަލާންޖެހުން ހުއްޓޭނީ އަމިއްލަ ފައިމަތީގައި ހުރެގެން ކަމަށް ވާތީ އިގުތިސާދީ ގޮތުން ކުރިއަށް ދާން ޖެހޭ ކަމަށެވެ.

މިއަދުގެ ރަސްމިޔާތުގައި ޑީން ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ކުޅި، އިކޯ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ކައުންސިލުން އެއްބާރުލުން ލިބިފައިވާ ކަމަށެވެ.