ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު އާޖެންޓީނާގެ މަޝަހޫރު ފުޓްބޯޅަ ތަރި، އަލްފްރެޑޯ ޑި ސްޓެފާނޯ 86، އޭނާއަށް ވުރެ އުމުރުގެ ގޮތުން 50 އަހަރު ހަގު ޕާސަނަލް ސެކްރެޓަރީ ކޮސްޓަރިކާގެ ޖީނާ ގޮންޒާލޭޒް 36، އާއި ކައިވެނި ކުރަން ނިންމާފައިވާކަމަށް ހާމަކޮށްފިއެވެ.

ޑި ސްޓެފާނޯގެ އަންހެނުން ސާރާ ވަނީ 2005 ވަނަ އަހަރު މަރުވެފައެވެ. އަދި އޭނާ އަލަށް ކުރަންއުޅޭ ކައިވެނީގެ ހަބަރު ލިބުމުން އޭނާގެ ދަރިން އެހާ ހިތް ހަމަޖެހޭކަމަކަށް ނުވެއެވެ. އެހެން ނަމަވެސް ޑި ސްޓެފާނޯ ބުނީ އޭނާ އެކަމާ ފަރުވާލެއް ނެތްކަމަށެވެ.

"އަހަރެން މިއުޅެނީ ލޯބިވެވިގެން. އަހަރެންގެ އުމުރުން 86 އަހަރު ކަމުގައިވީ ނަމަވެސް އަހަރެންގެ އޮތީ ޅަ ހިތެއް،" ޑި ސްޓެފާނޯ ބުންޏެވެ. "އަހަރެން އަހަރެންގެ ނަފުސު ދެކެ ލޯބިވޭ. އަދި ބޭނުމެއް ނުވޭ ދިރިއުޅުން ބުރައަކަށް ހަދާކަށް"،

ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ބުނީ އޭނާއަށް ގޮންޒާލޭޒްއާ ފުރަތަމަ ބައްދަލުވީ 2007 ވަނަ އަހަރު އޭނާގެ އޮޓޯބަޔޮގްރަފީގެ މަސައްކަތުގައި އޭނާއަށް އެހީތެރިވުމަށް ގޮންޒާލޭޒް އައިސް އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެމަސައްކަތުގައި އުޅުމުގެ ތެރޭގައި އޭނާގެ "ސަކަ މިޒާޖުގެ ސަބަބުން" ގޮންޒާލޭޒްގެ ހިތް އަތުލެވިފައިވާ ކަމަށެވެ.

ޑި ސްޓެފާނޯގެ ޕާސަންލް ސެކްރެޓަރީ އަކީވެސް، މެނޭޖަރަކީވެސް އަދި އޭނާގެ ރެޕްރެޒެންޓޭޓިވްއަކީވެސް މިހާރު ވާންއުޅޭ އަނބިމީހާ (ގޮންޒާލޭޒް) ކަމަށް އޭނާ ބުންޏެވެ.

ޑި ސްޓެފާނޯ ބުނީ އޭނާގެ އާއިލާ މީހުން އެކަމާ ސުވާލު ކުރާނޭ ކަމަށާއި އަދި އެމީހުންގެ ސުވާލުތަކަށް އޭނާ ފުރިހަމައަށް ޖަވާބުދާރީ ވާނޭ ކަމަށެވެ. އަދި އެމީހުން އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ ދޫކޮށްފައި ދިޔަނަމަވެސް އެކަންވެސް ހެޔޮހިތުން ގަބޫލު ކުރާނޭ ކަމަށެވެ.

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު 1957 އަދި 1959ގައި ހޯދި ޑި ސްޓެފާނޯ ވަނީ 1956-1960 ރެއާލްއަށް ޔޫރަޕިއަން ކަޕް ހޯދައި ދިނުމުގައި މުހިއްމު ރޯލެއް ކުޅެ އަދި އޭގެ ތެރެއިން ކޮންމެ ފައިނަލެއްގައި ލަނޑު ޖަހާފައެވެ.

ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބު ޔޫރަޕިއަން ފައިނަލު ކަމަށްބުނާ ސްކޮޓްލެންޑްގެ ގްލާސްގޯ ފައިނަލުގައި 7-3ން ރެއާލް މޮޅުވި މެޗުގައި ޑި ސްޓެފާނޯ ވަނީ ހެޓްރިކް ހަދާފައެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޑި ސްޓެފާނޯއާއި ގޮންޒާލޭޒްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު ޑި ސްޓެފާނޯ އުންމީދު ކުރަނީ އޭނާގެ ކައިވެނީގައި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ރެއާލް މެޑްރިޑްގެ މިހާރުގެ ޕްރެޒިޑެންޓް ފްލޮރެންޓް ޕެރޭޒް ބައިވެރިވާނޭ ކަމަށެވެ.