ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ނިއު އަތުން މާޒިޔާ 4-2 އިން ބަލިވި މެޗަށް ފަހު އެ މެޗުގެ ރެފްރީކަން ކުރި އަހުމަދު އަސްލަމަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަލަން ފަށައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު ހާނިމް މިއަދު ސަންއޮންލައިނަށް ވިދާޅުވީ، ރެފްރީ އަސްލަމަށް ހަމަލާދިން މައްސަލަ އެފްއޭއެމްގެ ޑިސިޕްލަނަރީ ކޮމެޓިން ބަލަމުން އަންނަ ކަމަށެވެ.

"ކޮންމެ ބަޔަކު ކުރިޔަސް އެކަމަކީ ކުޅިވަރުގެ ރޫހާ ހިލާފް ފިޑިއަމަލެއް. އަސްލަމަށް ހަމަލާދީ މާރާމާރި ހިންގި މައްސަލަ މިހާރު އަންނަނީ ބަލަމުން. އެ މައްސަލަ ބަލަނީ އެފްއޭއެމްގެ ޑިސިޕްލަނަރީ ކޮމެޓީން." ހާނިމް ވިދާޅުވި އެވެ.

ރެފްރީ އަސްލަމް އަށް ހަމަލާދިން ވަގުތު އެތަނުގައި ހުރި އެފްއޭއެމުގެ އޮފިޝަލަކު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަސްލަމަށް ހަމަލާދިނީ މެޗު ނިންމާލުމަށް ފަހު ރެފްރީންގެ ރޫމަށް އޭނާ ވަނުމަށް ފަހު، އެތަނުގެ ތެރެއަށް ހަތަރު މީހުން ވަދެ ކަމަށެވެ. އަދި އެ ހަތަރު މީހުންގެ ތެރެއިން އަސްލަމަށް ހަމަލާދިނީ މާޒިޔާ އަށް ނިސްބަތްވާ އެކުލަބުގެ އޮފިސަލެއް ކަމަށާއި އެވަގުތު ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުން އަސްލަމަށް ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އަސްލަމަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާ ވަނީ ވަގުތުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ ރެފްރީ އަސްލަމަށް ހަމަލާދިން މީހާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އަސްލަމަށް ހަމަލާދިން މީހާގެ ވަނަވަރެއް ފުލުހުން އަދި އާންމު ކޮށްފައެއް ނުވެ އެވެ.

އިއްޔެގެ މެޗަށް ފަހު މާޒިޔާގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ވެސް ވަނީ ރެފްރީ އަސްލަމްގެ ނިންމުންތަކާ ހިތްހަމަ ނުޖެހޭ ކަމަށް ބުނެ އޭނާ އަށް ފާޑު ކިޔައިފަ އެވެ.