07 May 2013, 13:24
އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކުގެ ކުޅި ތަރައްގީކޮށް އެތަނުގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއު މިއަދު އިފްތިހާކޮށްފި އެވެ.
އެ މަޝްރޫއު އިފްތިތާހް ކުރުމަށް މިއަދު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކުގެ ކުޅި އާއި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއު ސްޕޭންގެ ހިޑްރިއާ ކުންފުޏަށް 7.7 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ ކަމަށެވެ.
ވޯލްޑް ބޭނުންކާއި ދިވެހި ސަރުކާރާ ގުޅިގެން ގާއިމުކޮށްފައިވާ ކުލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީސީޓީއެފް)ގެ ދަށުން ފެށި މަޝްރޫއުއެއް ކަމަށެވެ.
"ސީސީޓީއެފް ޕްރޮޖެކްޓްދަށުން އައްޑޫ ސިޓީ ހިތަދޫ އަދި ޏ. ފުވައްމުލަކުގައި ހިމާޔަތްކުރެވިފައިވާ ކުޅިތަކުގައި މިއަދު އިފްތިތާހް ކުރެވިގެންދާ މި ޕްރޮރެކްޓަކީ ފުވައްމުލަކާއި އާއި އައްޑޫ ސިޓީގައި ހިންގޭ ވަރަށް މުހިންމު ޕްރޮޖެކްޓެއް. މިއީ 7.7 މިލިއަން ރުފިޔާ އަށް ސްޕޭންގެ ކުންފުންޏެއް ކަމަށްވާ ހިޑްރިއާއާ ހަވާކޮށްގެން ހިންގޭ ޕްރޮޖެކްޓެއް،" ވަޒީރު ވިދާޅުވި އެވެ.
ޝަކީލާ ވިދާޅުވީ ކުޅިތަކާއި ޗަސްބިންތަކުގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރެވޭނެ ގޮތްތަކެއް ތައާރަފްކުރުމަށް ހަވާލުކުރުމަށް ފެށި މަޝްރޫއު ހިންގުމަށް ހަމަ ޖެހިފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
"ފުރަތަމަ މަރުހަލާގައި ކޮންޒަވޭޝަން ޕްލޭންތަކެއް ތައްޔާރުކުރުމާއި އީކޯ ޓޫރިޒަމް ޑިޒައިން ކުރުމާއި މި ރަށްރަށުގެ ފެން ހިންދޭނެ ނިޒާމް ފަރުމާކޮށް ރަނގަޅުކުރުމުގެ މަސައްކަތް ވެސް ހިޑްރިއާގެ ފަރާތުން ކުރިއަށްގެންދާނެ. އަދި މި ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާ ކަމުގައިވާ ތަންފީޒީ މަރުހަލާގައި އީކޯ ޓޫރިޒަމް ފެލިޓީއެއް ވެސް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ރަނގަޅުކުރުމުގެ އަމަކީ މަސައްކަތް ވެސް ކުރިއަށްގެންދެވޭނެ،" ވަޒީރު ވިދާޅުވި އެވެ.
ކޮންޒަވޭޝަން ޕްލޭނެއްގެ ދަށުން މީހުން އުޅެމުންދާ ރަށެއްގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރެވިގެންދާ މިއީ ފުރަތަމަ ފަހަރު ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިތުރު ރަށްތަކެއްގައި އެ މަޝްރޫއުތައް ހިންގުމަކީ އެ ވުޒާރާގެ އަމާޒުކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ ރަށްތަކުގެ ކުޅިތަކާއި ޗަސްބިންތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެތަންތަނުން އިގުތިސާދީ މަންފާ ލިބޭނެ ގޮތަށް އެތަންތަން ހިމާޔަތްވެފައި އޮތުމަކީ އެތަންތަނާ މެދު އާންމުން ދެކޭގޮތް ބަދަލުވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެއްވެވި އެވެ.
އެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާ އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފޫ ހައްގު ކަމަށެވެ. އަދި ވިދާޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާއަކީ އެހެން ވުޒާރާތަކުން ނަމޫނާ ނަގަން ޖެހޭ ވުޒާރާއެއް ކަމަށެވެ.
ޑީން ވިދާޅުވީ ތިމާވެށި ހަލާކުވެގެން ހިނގައްޖެ ނަމަ އެކަމަކީ އިއާދަކުރެވޭނެ ކަމެއް ނޫން ކަމަށާއި ތިމާވެށި ހިމާޔަތްކޮށް އެއީ އިގްތިސާދީ ފައިދާ ލިބިގަންނަން ޖެހޭ ކަމެއް ކަމަށެވެ.