07 May 2013, 12:33
އަންނަ ބުރާސްފަތި ދުގަހުގެ ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރަނިންމޭޓަކަށް އިޚްތިޔާރުކޮށްފައިވާ ބޭފުޅާގެ ނަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:15 ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ރަނިންމޭޓް އިއުލާން ކުރުމުގެ ޖަލްސާގައި ރަނިންމޭޓްގެ ނަން އިއުލާން ކުރައް ވާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އަދި ރަނިންމޭޓް ހޮވުމުގައި ބައްލަވާފައި ވާނީ އެފަދަ މަގާމެއް އަދާ ކުރެވޭވަރުގެ ގާބިލް ކަމާއި ތަޖްރިބާ ހުރި ބޭފުޅަކަށް ކަމަށެވެ.
"އަޅުގަނޑުމެން ރަނިންމޭޓް ހޮވުމުގައި އެ ބޭފުޅަކީ ރައީސްކަން ކުރެއްވޭ ވަރުގެ ބޭފުޅެއްތޯ އާ އަދި އެ ބޭފުޅަކީ ޕާޓީ އަށް އެކަށީގެންވާ ވަރުގެ ޚިދުމަތް ތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއްތޯ ބަލާފައި ވާނެ. އަދި ތަޖްރިބާ އާ ތައުލީމާއި ގާބިލް ކަމަށް ވެސް ބަލާފައި ވާނެ. ރަނިންމޭޓް އިޚްތިޔާރު ކުރުމަކީ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރައްވަން ޖެހޭ ކަމެއް،" ދުންޔާ ވިދާޅުވި އެވެ.
ރަނިންމޭޓް އިއުލާނު ކުރާން އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބާއްވާ ޖަލްސާގެ އިތުރުން ވެސް އަންނަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫގެ އިތުރުން ފޭދޫގައި ވެސް ވަރަށް ޚާއްސަ ތިން ޖަލްސާއެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ރަނިންމޭޓް އިއުލާން ކުރާން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހު މޫސުމް ގޯސްވުމުގެ ސަބަބުން އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.