އިނގިރޭސި ލީގުގައި ރޭ ސަންޑަލޭންޑާއި ސްޓޯކް ސިޓީ ބައްދަލު ކުރި މެޗުގައި ސްޓޯކުން ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށް ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ސަންޑަލޭންޑުން މުހިއްމު ޕޮއިންޓެއް ހޯދައިފިއެވެ.

ލީގުގައި ސަންޑަލޭންޑަށް ބާކީ އެންމެ ދެމެޗު އޮތްއިރު ލީގު ތާވަލުގައި އެކުލަބު އޮތީ 38 ޕޮއިންޓާއެކު 15 ވަނައިގައެވެ. އެކަމަކު ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ގޯލުގެ ތަފާތުން އެޓީމަށްވުރެ ދަށުގައި 16 އަދި 17 ވަނައިގައި އޮތް ނޯވިޗް ސިޓީއާއި ނިއުކާސަލް ޔުނައިޓެޑާ ވާދަކުރުމަށް 35 ޕޮއިންޓާއެކު މިހާރު ރެލިގޭޝަން ޒޯންގެ ތެރޭގައި ހިމެނިފައިވާ ވިގަންއަށް އަދިވެސް ފުރުސަތު އެބަ އޮތެވެ. އެހެން ކަމުން މިހާރު މިއިން ކޮންމެ ޓީމަކަށް ވެސް ކުރިއަށް އޮތް ދެމެޗު ވެގެންދާނީ ފައިނަލު މެޗަކަށެވެ.

ރޭގެ މެޗުގައި ސްޓޯކް ސިޓީއަށް ކުރި ހޯދައިދިނީ މެޗުގެ ނުވަވަނަ މިނިޓުގައި ޖޮނަތަން ވޯލްޓާސްއެވެ. މެޗުގެ 34 ވަނަ މިނިޓުގައި ސްޓޯކުގެ ކުޅުންތެރިއަކަށް ފައުލު ކުރުމާގުޅިގެން ރެފްރީ ވަނީ ސަންޑަލޭންޑުގެ ކްރެއިގް ގާޑްނާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި އޭގެ ފަހުން އެކުލަބު މަސައްކަތް ކުރަން ޖެހުނީ ދިހަ މީހުންނާއެކުގައެވެ.

މެޗުގެ ނަތީޖާ ސަންޑަލޭންޑަށް ހަމަހަމަކޮށް ދިނީ މެޗުގެ 63 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން ޖޯން އޯޝެއާއެވެ. އޯޝެއާގެ އެ ލަނޑަކީ އޭނާ އެޓީމަށް މިހާތަނަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ.

ރޭގެ މެޗަށްފަހު ސަންޑަލޭންޑުގެ ކޯޗު ޑި ކަނިއޯ ބުނީ ރޭގެ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިފައި އެމެޗުން މޮޅުވުން ހައްގު ކަމަށާއި އެހެން ނަމަވެސް ޕޮއިންޓެއް ލިބުމުންވެސް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމެޗަކީ ވަރަށް މުހިއްމު ދެ ފައިނަލް ކަމަށްވެސް އޭނާ ބުންޏެވެ.

ލީގު ތާވަލުގެ 11 ވަނައިގައި 41 ޕޮއިންޓާއެކު އޮތް ސްޓޯކުގެ ކޯޗު ޓޯނީ ޕިއުލިސް ބުނީ ރޭގެ މެޗުގައި ސަންޑަލޭންޑުން ދެއްކި ހިއްވަރާއި އަޒުމަށްޓަކައި އެ ޓީމަށް ތައުރީފު ހައްގު ކަމަށެވެ. އަދި ރޭގެ މެޗަށް ނުކުތްއިރުވެސް އެއީ އުނދަގޫ މެޗަކަށް ވާނޭކަން އެނގޭ ކަމަށާއި އެހެން ކަމުން އެއްޕޮއިންޓު ލިބުމުންވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

ވޭތުވެ ދިޔަ އެގާރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހޯމަދުވަހެއްގައި ސަންޑަލޭންޑު ކުޅު އެއްވެސް މެޗަކުން އެޓީމު މިހާތަނަށް މޮޅުވެފައެއް ނެތެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އައި ހޯމަށް ދުވަސް ތަކުގައި އެ ޓީމު ކުޅުނު މެޗުތަކުން ވަނީ ބަލިވެފައި ނުވަތަ އެއްވަރު ވެފައެވެ.

ލީގުގައި ސަންޑަލޭންޑަށް ބާކީ އޮތް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކުރިމަތިލާން ޖެހޭނީ ސައުތުހެމްޓަން އާއި އެވެ. އަދި ދެވަނަ މެޗުގައި ޓޮޓެންހަމްއާ އެވެ.