07 May 2013, 12:00
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އާއި މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ރީކޯ މޫސައަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދުގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށާއި އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ ގެންގުޅުނު ދަގަނޑު ކެނިސްޓަރުން ރީކޯ މޫސާގެ ބޮލުގައި ޖަހައި ބޯ ފަޅާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ މާރިޔާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާވައި ވަނީ މއ. ރަވްޟާ އިބްރާހީމް ފައިސަލްގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ވެސް އުފުލާފައި ވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށާއި އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މާރިޔާ ފިހާރައެއްގެ ތެރޭގައި ހުއްޓައި އޭނައާ މެދު މާރާމާރީ ހިންގައި އެ ފިހާރައިން ނެރެ އިތުރު ފުލުހުންތަކަކާ ބައިވެރިވެގެން މާރިޔާގެ މޫނުމަތީގައި ޖަހާފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.