24 Oct 2010, 15:41
ވިލިމާލޭ ކުޑަކުދިންގެ ހިޔަލުގައިތިބޭ ކުޑަ ކުދިންނާ މެދު އިހުމާލުވުމުގެ މައްސަލައެއް ފެންމަތިވެ ފުލުހުންނާއި ޖެންޑާ ޑިޕާޓްމަންޓުން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންނާއި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ޖެންޑާ ޑިޕާޓްމެންޓާ ގުޅިގެން ފުލުހުންގެ މައި އިދާރާގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓަރު އަދި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ އަލީ ޝުޖާ ވިދާޅުވީ ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔަލުގެ މައްސަލައަކާ ގުޅިގެން ލިބުނު މައުލޫމާތެއްގެ މައްޗަށް ތަހުގީގު ކުރަން ފަށާފައިވާތާ 15 ވަރަކަށް ދުވަސްވެފައިވާ ކަމަށާއި ނަމަވެސް އެއީ ޖިންސީ ގޯނާގެ މައްސަލައެއް ނޫން ކަމަށެވެ.
"ސެކުޝުއަލް އެބިއުސް ކޭހެއް ނޫން މިއީއަކީ. އަޅުގަނޑުމެނަށް ފާހަގަ ވެފައި ވަނީ ނިގުލެކްޓް[އިހުމާލް] މައްސަލައެއް ކަމަށް. ސެކްޝުއަލް އެބިއުޒެއް ނޫން އެކަމަކު ޓައިޕް އޮފް އެބިއުސް [ވައްތަރެއްގެ ނަހަމަ ބޭނުމެއް ކުރުން]،" ޝުޖާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލައިގެ ބާވަތަށް ބަލައި މި ވަގުތަށް އިތުރު ތަފުސީލު ދެވެން ނެތް ކަމަށާއި ނަމަވެސް މި މައްސަލަ ޖެންޑާ ޑިޕާޓްމަންޓާ ހިއްސާކޮށްގެން ތަހުގީގު ކުރަމުން ގޮސް އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ އިތުރުން ކުޑަކުދިންގެ ހިޔަލަށް ފުލުހުން ގޮސް ކުދިންނާއި މުވައްޒަފުންނާ ވެސް ސުވާލުތައް އިއްޔެ ކޮށްފައިވާނެ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓާ މާރިޔާ އަލީ ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގައި އުޅޭ މައްސަލައެއް ކުއްޖެއްގެ ފަރާތުން ޑިޕާޓްމަންޓަށް އެނގުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ކަމަށާއި އެވަގުތުން ފެށިގެން ޔުނިސެފާއި ހިއުމަންރައިޓްސް ކޮމިޝަނާއި އިނގިރޭސި ވިލާތުގެ ކޮންސަލްޓަންޓެއް ހިމެނޭ ކޮމެޓީއަކުން ފުލުހުން ހިމެނޭ ގޮތަށް މިކަން ބަލަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކޮށް އަރުވަން އަޅުގަނޑުމެންގެ ފުރަތަމަ ޒިންމާއަކީ ކުދިން ހިމާޔަތް ކުރުން ކަން،" މާރިޔާ ވިދާޅުވި އެވެ.
ނަމަވެސް ބަލަމުންދާ މައްސަލައަކީ ކިހާ ސީރިއަސް މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކެނި ވިދާޅުވީ މިމައްސަލަ ބަލަމުންދާ ވަރަކުން މައްސަލައިގެ ފުންމިން ހާމަވަމުން ދާނެ ކަމަށެވެ.
މި މައްސަލައިގެ ހިމެނެނީ އަންހެން ކުއްޖެއް ކަމެއް ވެސް ފިރިހެން ކުއްޖެއް ކަމެއްވެސް އަދި އެއީ ގިނަ އަދަދެއްގެ ކުދިން ކަމެއްވެސް ފުލުހުން ނުބުންޏެވެ. ހަމައެކަނި ބުނީ މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ފުލުހުންނާއި ޖެންޑާ ޑިޕާޓްމަންޓުން މިރޭ ނޫސްވެރިނަށް މައުލޫމާތު ދިނުމުގެ ކުރިން ކުޑަކުދިންގެ ހިޔަލުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ފުލުހުންގެ ތަހުގީގަކަށް ގެންގޮސް ސުވާލު ކުރަމުންދާ ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ވަނީ މިއަދު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދީފަ އެވެ.
ނަން ހާމަ ކުރުމަށް ބޭނުން ނުވި މުވައްޒަފަކު ބުނީ ކުޑަކުދިންގެ ހިޔާގެ ވެރިން ފެންވަރުން ފެށިގެން ދަށަށް ތިބޭ ހުރިހާ މުވައްޒަފުންނާ ފުލުހުން އިއްޔެއިން ފެށިގެން ސުވާލު ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ މައިގަނޑު ސުވާލުތަކަކީ ހިޔާގައި ދިރިއުޅޭ ކުދިންނަށް "އެއްވެސް ކަހަލަ ޖިންސީ އަނިޔާ އެއް" ކޮށްފައިވޭތޯ އެވެ. މީގެ އިތުރުން އެތާނގައި ކުޑަކުދިން ބަނދެ އެ ކުދިން ލާނެ ގުދަނެއް ހުރޭތޯ ފުލުހުން ސުވާލު ކުރަމުންދާ ކަމަށާއި ބައެއް ކުދިންނާ ވެސް ސުވާލުތައް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެތާނގެ މުވައްޒަފުން ބުނީ ފުލުހުން ކުޑަކުދިންގެ ހިޔަލަށް ގޮސް ސުވާލުތައް ފެންމަތި ކުރުވަން ފެށުމުން ބައެއް މުވައްޒަފުން ބިރުގަނެ ނަފުސާނީ އަސަރުތައް ކޮށްފައިވާ ކަމަށާއި ސުވާލު ކުރަން ފެށުމުން އެކަކު ހޭނެތިގެން ވެއްޓިފައިވާ ކަމަށެވެ.
ވިލިމާލޭގެ ކުޑަކުދިންގެ ހިޔާ ހުޅުވީ 2006 ގައެވެ. ޖޫން، 2009ގައި ކުޑަކުދިންގެ ހިޔަލުގައި ހުރި ކުއްޖެއްގެ ގައިގައި އެތާނގެ މުވައްޒަފަކު ޖެހި މައްސަލައެއް ފެންމަތިވި އެވެ. ހަމަ އެމަހުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ 16 އަހަރުގެ އަންހެންކުއްޖަކު ނަހަލާލަށް ވިހާފައިވާ އަންހެން ކުއްޖަކު ކުޑަކުދިންގެ ހިޔަލުގައި ބަލަމުންދަނިކޮށް ހަތަރު މަހުގެ ތެރޭގައި ހިތްހުއްޓިގެން މަރުވި އެވެ.