07 May 2013, 11:03
ރާއްޖޭގައި ތިބި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން އަނބުރާ އެ ގައުމަށް ފޮނުވުމުގައި އެހީތެރިވުމަށް ކަނޑުފޭރުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އދ. އިން އުފައްދާފައިވާ ޓްރަސްޓް ފަންޑުން ނިންމައިފި އެވެ.
ކަނޑުފޭރޭ މީހުންގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ދެ މިލިޔަން ޑޮލަރު ހަރަދުކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ފަންޑުން ނިންމާފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިތުރުން ސޯމާލިޔާ އިތިއޯޕިއާ ކެންޔާ ސީޝެލްސް އަށް ވެސް އެ ފަންޑުން ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފަސް މަޝްރޫއަކަށް ހަރަދުކުރުމަށް އެ ފަންޑުން ކަނޑައަޅާފައިވާ، ދެ މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ތިބި ސޯމާލިޔާގެ މީހުން ގައުމަށް ފޮނުވާ ލުމަށާއި ގައުމުތަކުގައި ކަނޑުފޭރުމުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ޝަރީއަތުގެ ކަންތައްތައް ވީހާ ވެސް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މީގެއިތުރުން ކެންޔާގެ ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި އެގައުމުގެ ޖަލުތަކުގައި ތިބި ކުށްވެރިންނާއި ޒުވާނުންނަށް ތައުލީމާއި މަސައްކަތުގެ ތަޒުރިބާ ދީ ކަނޑުފޭރުމުގެ ކަންތައްތަކުން އެެމީހުން ދުރުކުރުމަށް ބާރު އެޅުވުމަށް ވެސް މިފަންޑުން އެހީތެރިވާނެ އެވެ. އަދި ކަނޑުފޭރޭ މީހުންގެ ކިބައިން މަސްވެރިން ހިޔާމަތް ކުރުމަށް ބަޔޯމެޓްރިކްސް ސިސްޓަމެއް ގާއިމްކުރުމަށް ވެސް އެ ފަންޑުން ވަނީ ނިންމައިފަ އެވެ. އަދި ކަނޑުފޭރިގެން ހޯދާ ފައިސާ ދައުރުވުން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އދ. އިން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެކި ފަހަރުމަތިން އަތުލައިގެނެވިފައިވާ ސޯމާލިޔާގެ 40 މީހަކު ރާއްޖޭގައި އެބަތިބި ކަމަށާއި އެމީހުން ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.