މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެފައިވާ ކަމަށް ތަފާތު އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމަށް ބަލާ އިރު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 8662.8 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން އެކްސްޕޯޓް ކޮށްފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވަނީ 14507.1 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން އެކްސްޕޯޓްކޮށްފަ އެވެ. އެއީ 5844.2 މެޓްރިކް ޓަން އިތުރުވެ، 67 ޕަސެންޓްގެ ކުރިއެރުމެކެވެ.

މަސް އެކްސްޕޯޓްކޮށްގެން ރާއްޖެ އަށް ލިބުނު އާމްދަނީ އަށް ބަލާ އިރު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 33952 އެމެރިކާ ޑޮލަރު (523،539.84 ރުފިޔާ) ލިބުނު އިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ވަނީ 49334 ޔޫއެސް ޑޮލަރު (760،730.28 ރުފިޔާ) ލިބިފަ އެވެ. އެހެން ކަމުން މި އަހަރު ވަނީ 15381 ޔޫއެސް ޑޮލަރު އިތުރަށް ލިބިފަ އެވެ. އެއީ 45 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް ދާއިރާ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅަބަލާ އިރު ކުރިއަށް ޖެހިލާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް 255867 ޓޫރިސްޓުން ޒިޔާރަތް ކުރި ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ އަށް ވަނީ 293112 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން މިއީ މިއަހަރު 37245 ޓޫރިސްޓުން އިތުރުވެ، 15 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭތަކުގެ އަދަދަށް ބަލާ އިރު ވެސް މިދިޔަ އަހަރުގެ ތިން މަހަށް ވުރެ މި އަހަރުގެ ތިން މަހު އެމިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 1839855 ރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޓޫރިސްޓުން ވަނީ ރާއްޖޭގައި 1933710 ރޭ ހޭދަކޮށްފަ އެވެ. އެގޮތުން އެއީ މިދިޔަ އަހަރުގެ އެމުއްދަތައް ބަލާއިރު 93855 އިތުރުވެ ފަސް ޕަސެންތްގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ޖާގަހުރި މިންވަރަށް ބަލާ އިރު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 24568 ޖާގަ ރިސޯތްތަކުގައި ހުރި އިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި 25887 ޖާގަ ރިސޯޓްތަކުގައި ހުއްޓެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރިސޯޓްތަކުގެ ޖާގައިގެ 82 ޕަސެންޓް ބޭނުންކޮށްފައިވާ އިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ވަނީ ރިސޯތްތަކުގެ ޖާގަގައިގެ 83 ޕަސެންޓް ބޭނުންކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެފައިވާ އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފައިވާ ގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނީ 4.3 ޕަސެންޓް އެވެ. އަދި މިހާތަނަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 3018.7 މިލިއަން ރުފިޔާ ލިބުނު އިރު 3574.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުން ވަނީ 555.7 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފަ އެވެ.