ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް އަތުން 4-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވި މެޗުގައި ރެފްރީ އަހުމަދު އަސްލަމްގެ ނިންމުންތަކަށް މާޒިޔާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ފާޑު ކިޔައިފި އެވެ.

އިއްޔެގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އިންމަ ބުނީ، ބަލިވާން ނުޖެހޭ ކަހަލަ މުހިންމު މެޗަކުން ބަލިވީ މެޗުގައި ލަނޑުޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. އަދި މެޗުގައި ރެފްރީ އަސްލަމްގެ ފަރާތުން ފެނުނީ ހައިރާންވާ ކަހަލަ ނިންމުން ތަކެއް ކަމަށް ވެސް އިންމަ ބުންޏެވެ.

"މެޗުގެ ފުރަތަމަ ކޮޅު ވަރަށް ހުސް ފުރުސަތުތަކެއް ބޭކާރުކޮށްލި. ރެފްރީގެ ފަރާތުން ފެނުނީ ހައިރާންވާ ކަހަލަ ނިންމުންތަކެއް. ކޮންމެހެން ބަލިވީމަ ރެފްރީ އަސްލަމް ގޯސްކުރަނީކީއެއް ނޫން. އެކަމަކު މެޗުގައި އަސްލަމްގެން ގުޅުނު ނިންމުންތަކާ ދެޓީމުން ވެސް ހިންހަމަނުޖެހެ. ކާޑު ދައްކަންޖެހޭ ވަރަށް ގިނަ ކަންތައްތައް މެޗުގައި ފެނުނު. އެކަމުކު އަސްލަމް އެކަމަށް މާބޮޑު އެއްބާރުލުމެއް ނުދީ ދިޔަކަން ފާހަގަ ކޮށްލެވޭ" އިންމަ ބުންޏެވެ.

އަސްލަމަށް ފާޑުކިޔައި ވާހަކަ ދައްކަމުން އިންމަ ބުނީ، މެޗުގެ ދެ ވަނަހާފުގައި އެޓީމުގެ ޑިފެންޑަރު މައްލާއަށް ވެސް ރަތްކާޑު ދެއްކީ އަސްލަމްއަށް އަމާޒްކޮށް މައްލާ ހަޅޭލެވީ ކަމަށް ބުނެ ކަމަށެވެ. އެކަމަކު މައްލާގެ ފަރާތުން އެކަހަލަ އެއްވެސް މަންޒަރެއް އިއްޔެގެ މެޗުގައި ފެނިފައި ނުވާކަމަށް އިންމަ ބުންޏެވެ. ރެފްރީ އަސްލަމް އިއްޔެ މައްލާއަށް ރައްކާޑު ދެއްކީ މެޗގައި އޭނާއަށް ރީދޫ ދެކާޑު ހަމަވުމުންނެވެ.

"ރެފްރީއާ ދިމާލަށް މައްލާއެއް ހަޅޭލެއް ނުލަވަ. ކާޑު ދައްކާވަރުގެ ކަމެއް މައްލާއެއް އިއްޔެގެ މެޗުގައި ކުރިކަމަކަށް ގަބޫލެއް ނުކުރަން. " އިންމަ ބުންޏެވެ. އަދި ބުނީ މެޗުގައި މާޒިޔާއަށް ލިބުނު ދެ ޕެނަލްޓީއަކީ ވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިން މާޒިޔާގެ ކުޅުންތެރިންނަށް ކުރި ވަރަށް ބޮޑު ދެ ފައުލަކުން ލިބުނު ޕެނެލްޓީއެއް ކަމަށާއި އެކަމަކު އެ ދެ ޕެނަލްޓީ ލިބުނު އިރުވެސް އެއްވެސް ކާޑެއް ނިއުގެ އެއްވެސް ކުޅުންތެރިއަކަށް ރެފްރީ އަސްލަމް ދައްކާފައި ނުވާކަމަށް އިންމަ ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ކީޕަރު އިމްރާނަށް އުމައިރު ކުރި ފައުލަކީ ވެސް ކާޑު ދައްކަންޖެހޭ ވަރުގެ ފައުލެއް. ޕެނަލްޓީ ލިބުމުން ވެސް ކާޑެއް ނިއުގެ ކުޅުންތެރިންނަކަށް ނުދައްކަ. އެކަމަކު ނިއު އަށް ޕެނަލްޓީ ލިބުމުން ވަގުތުން އަޅުގަނޑުމެންގެ ކީޕަރަށް ކާޑު ދެއްކީ. މިއީ އިއްޔެގެ މެޗުގައި އަސްލަމްގެ ފަރާތުން ފެނުނު ނިންމުންތައް ހުރި ގޮތް" އިންމަ ބުންޏެވެ.

އިއްޔެގެ މެޗުގައި ނިއުން މާޒިޔާކޮޅަށް ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އުމެއިރެވެ. އަދި އަނެއް ދެލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އެވެ. އަދި މެޗުގައި މާޒިޔާ އަށް ދެވަނަ ހާފުގައި ލިބުނު ދެ ޕެނަލްޓީވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ.

އިއްޔެގެ މެޗުން ނިއު މޮޅުވުމުން އެޓީމް ވަނީ ލީގުގެ އެއް ވަނަ މަގާމްގައި ދަމަހައްޓަމުން އަންނަ ރިކޯޑް އަނެއްކާ ވެސް އާކޮށްފައެވެ. އެގޮތުން އެއްވަނާގައި ނިއު އޮތީ ލީގުގައި މިހާތަނަށް އެޓީމް ކުޅުނު ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާއެކު އެވެ. އެހެންކަމުން ނިއުއަށް ވަނީ ލީގުގެ ފުރަތަމަ ބުރު އެއްވަނައިގައި އޮވެ ނިންމާލެވޭނެ ކަން ޔަގީން ވެފައެވެ. އަދި އިއްޔެ މެޗުން މާޒިޔާ ބަލިވި ކަމަކު އެޓީމް އޮތީ 12 ޕޮއިންޓާއެކު ލީގުގެ ދެ ވަނަ މަގާމް ގައެވެ. ލީގުގެ ފުރަތަމަ ބުރުގައި މިދެ ޓީމަށް ވެސް އަދި ބާކީ އެއްމެޗް އެބައޮތެވެ.

ސަން އޮންލައިނަށް އިގިފައިވާގޮތުން އިއްޔެގެ މެޗަށްފަހު، ރެފްރީ އަސްލަމްއާ މެދު ހިތްހަމަނުޖެހިގެން މާޒިޔާގެ ސަޕޯޓަރެއް ވަނީ ރެފްރީންގެ ޗޭންޖިން ރޫމްގައި އަސްލަމް އިންދާ އޭނައަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ.