07 May 2013, 09:53
ވައިޓް ހައުސް (މޭ 7): ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެމެރިކާ ބުނެފި އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ ސޫރިޔާގައި އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިނަމަވެސް އެކަންކުރާނީ އެގައުމުގެ ސަރުކާރު ސިފައިން ކަމަށާއި އިދިކޮޅު ހަނގުރާމަވެރިން އެކަންކޮށްފާނެ ކަމަށާއި އަދި އެމީހުންގެ ކިބާގައި އެކަމުގެ ޤާބިލްކަން ހުރިކަމަށް ވެސް އެމެރިކާއަށް ގަބޫލުނުކުރެވޭ ކަމުގަ އެވެ. ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ބެލެވޭ މިންވަރަށް މިކަމާ ބެހޭ ހެކިތައް ފެނިއްޖެކަމަށް ވިދާޅުވެ މިމައްސަލަ ތަޙްޤީޤްކުރާ އދ.ގެ މުސްތަޤިއްލު ކޮމިޓީގެ މެންބަރަކު ދައްކަވާފައިވާ ވާހަކަތައް ގަބޫލުކުރަން ދަތި ކަމަށް ވެސް ކާނީ ވިދާޅުވި އެވެ.
ކާނީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ މީހުން ދީފައިވާ މަޢްލޫމާތާއި އެމީހުންނަށް ފަރުވާދިން ޑޮކްޓަރުންގެ ބަޔާންތަކުން، ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވަނީ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ބެލެވޭ މިންވަރަށް ހެއްކާއި ދަލީލު ލިބިފައިވާކަމަށް ވިދާޅުވެ އެކޮމިޓީގެ މެންބަރެއް ކަމަށްވާ ކާލާ ޑެލް ޕޮންޓީ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ނަމަވެސް ސްވިސް ޓީވީ ނެޓްވާކަކަށް ދެއްވި ބަސްދީގަތުމެއްގައި ކާލާ ވިދާޅުވީ ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ މައްސަލައިގެ ތަޙްޤީޤްތައް އަދި މުޅިން ނުނިމޭ ކަމަށާއި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާކަން މުޅިން ކަށަވަރުވާ މިންވަރަށް އަދި ސާބިތު ކުރެވިފައިނުވާ ކަމުގަ އެވެ.
ޖެނީވާގައި މަރުކަޒު ހުންނަ މިކޮމިޓީ ބުނާ ގޮތުން ސޫރިޔާގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވިފައި ވަނީ "ސެރިން" ގޭހެވެ. މި ކޮމިޓީގެ ވެރިޔާ ސެރްގިޔޯ ބިންހީރޯ ވިދާޅުވީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނު މަނާކުރާ ބޮޑު ޖަރީމާއެއްކަން ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ދެފަރާތް ކަމަށްވާ ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ވެސް އެނގޭނެ ކަމުގަ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް އިންކާރު ކޮށްފަ އެވެ.
ސޫރިޔާގެ ހަނގުރާމަވެރިން ތަމްޘީލްކުރާ އެގައުމުގެ އިދިކޮޅު ސިޔާސީ ކޯލިޝަނުން ވެސް ބުނެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ހަތިޔާރު ބޭނުންނުކުރާނެ ކަމަށާ މިކަމާ ބެހޭ ހެކިތައްވެސް އދ.ގެ ކޮމިޓީއަށް ދެއްކިފައިނުވާ ކަމުގަ އެވެ. ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން މިހާތަނަށް ޝައްކު ކުރަމުން ގެންދިޔައީ ސޫރިޔާ ސަރުކާރު ސިފައިންގެ މައްޗަށެވެ. މިމައްސަލާގައި އެމެރިކާ ވަނީ ސޫރިޔަ ސަރުކާރަށް އިންޒާރުތައް ވެސް ދީފަ އެވެ.
ނަމަވެސް އދ.ގެ ކޮމިޓީގެ ތަޙްޤީޤް ތަކުން މިކަމުގެ ތުހުމަތު އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކުރެވެން ފެށުމުން އެމެރިކާފަދަ ސޫރިޔާގެ ހަނގުރާމަވެރިންނަށް ތާއީދުކުރާ ހުޅަނގުގެ ބާރުތަކަށް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. (ނޫސްއެޖެންސީތައް)