ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލަކީ "އިސްލާމް ދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ބިލެއް" ކަމަށް ވިދާޅުވެ، ހަގީގަތް އޮޅޭ ގޮތަށް ދަރުސްދެއްވި ކަމަށް ބުނާ މައްސަލައިގައި އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީއަށް ހާޒިރު ވުމަށް އަނެއްކާ ވެސް އަންގައިފި އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ގާނޫނުލް އުގާބާތު ކޮމެޓީގެ މުގައްރިރު އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ އިލްޔާސް ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީއަށް ހާޒިރު ވުމަށް އަންގައިފައި ވާނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ހަމްޒާ ވިދާޅުވީ މީގެކުރިން ވެސް އިލްޔާސް ކޮމެޓީއަށް ހާޒިރު ވުމަށް އަންގައި އަދާލަތު ޕާޓީއަށް ސިޓީ ފޮނުވައިފައި ވާނެ ކަމަށާއި އެހެން ނަމަވެސް އެ ފަހަރު މާލޭގައި ނެތުމުން ކޮމެޓީއަށް ހާޒިރު ނުވެވޭނެ ކަމަށް އިލްޔާސް އެންގަވި ކަމަށެވެ. އެހެން ނަމަވެސް އިލްޔާސް ކޮމެޓީއަށް ހާޒިރުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އަދާލަތު ޕާޓީން ބަޔާނެއް ނެރެފައިވާ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ. އަދި ކޮމެޓީއަށް އިލްޔާސް ހާޒިރު ކުރުމުގެ މަސައްކަތް ފިގުހު އެކަޑަމީއާ ގުޅައިގެން ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަބްދުﷲ ހުމައިދު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީން އެ ގޮތަށް ދެކެނީ އިލްޔާސް އެ ދަރުސް ދެއްވި ފަހުން މަޖިލީހުން އެ ބިލަށް މާއްދާއެއް އިތުރުކޮށް އެ ވާހަކަ މަތިޖަހާން މަސައްކަތް ކުރިކަން އެނގިފައި ވާތީ ކަމަށެވެ.

".....އެއާ ޚިލާފަށް ޝެއިޚް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ މަޖިލީހަށް ހާޒިރު ކުރާން ޖެހޭ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ޝެއިޚް އެ ވާހަކަ ދެއްކެވީމާ އަޅުގަނޑުމެންނަށް އެނގުނު އެ ބޭފުޅުން އެއަށް އިތުރު މާއްދާއެއް ލައްވައިފައި އެ ދެއްކި ވާހަކަ މަތި ޖަހާން މަސައްކަތް ކުރިކަން،" ހުމައިދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގާބާތު ކޮމެޓީއަށް ހާޒިރުވުމާ ގުޅޭ ގޮތުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ދެއްވި ދަރުހެއްގައި އިލްޔާސް ވިދާޅުވެފައި ވަނީ ކޮމިޓީއަށް ވަޑައިގެންނަވާނެ ކަމަށާއި އަދި ކޮމިޓީގެ މެމްބަރުން "އޮރިޔާން" ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މިހުރީ [ކޮމިޓީއަށް] ހާޒިރުވާން ތައްޔާރަށް. އެ މީހުން އޮރިޔާން ނުކޮށްފިނަމަ އަޅުގަނޑަކަށް ޝައިހް އިލްޔާސެއް ނުކިޔާނެ. ކޯއްޗެއްތޯ ސާބިތު ކުރާނީ؟ ޤުރުއާނުގައި ބަޔާންކޮށްފައިވާ ހުކުމެއް ކެޓަގަރީއަކަށް ބަހައިލައިފައި މިއީ ގުނާހް ނަމްބަރު 1 (އޭކް) އޭ މިއީ ގުނާހް ނަމްބަރު 2 (ދޯ) އޭ ބުނުމުގެ ހައްގު ދިނީ ތިޔަބައިމީހުންނަށް ކާކުތޯ؟،" އިލްޔާސް ދެއްވި ތަގުރީރުގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީ އަށް ޝެެއިޚް އިލްޔާސް ހުސެއިން ހާޒިރު ކުރާން ނިންމީ މާޗް މަހުގެ 22 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ފުރުގާން މިސްކިތުގައި ދެއްވި ދަރުހެއްގައި ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

"އިސްލާމީ ޝަރީޢަތުގެ މަގުސަދު"ގެ ނަމުގައި ދެއްވި ދަރުހުގައި ގާނޫނުލް އުގޫބާތުގެ ބިލަކީ އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ހަދާފައިވާ ބިލެއް ކަމަށް އިލްޔާސް ހުވާ ކުރައްވައިފައިވެ އެވެ. "އެ ގާނޫނަކީ އަޅުގަނޑު ބެލިބެލުމުގައި، އަޅުގަނޑު ކެރިހުރެގެން މިސްކިތުގައި [ފުރުގާން މިސްކިތުގައި] ހުރެ، ﷲ ގަންދީ ހުވާކޮށް މި ބުނަނީ އެ ގާނޫނަކީ މުޅި އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ގާނޫނެއް. ކެރިހުރެގެން މި ދަންނަވަނީ ގާނޫނީ ވަކީލުން ހުރިހާ އެންމެން އެއްފަރާތަކަށް އަންނަންވީ އަޅުގަނޑު އެކަނިމާއެކަނި ވެސް ތެދުވެ [އެއާ ދެކޮޅަށް ވަކާލާތު ކުރަން] މި ހުރީ ތައްޔާރަށް،" އިލްޔާސް ވިދާޅުވި އެވެ.

އަދި ވިދާޅުވި އެވެ. "އިސްލާމް ދީނުގެ އެއްވެސް ހުކުމެއް ނޯންނާނެ. [ގާނޫނުލް އުގޫބާތުގެ ޑްރާފްޓްގައި] ޒިނޭއެއް ނެތް. ވައްކަމެއް ނެތް. ހިޔާނާތެއް ނެތް. މަކަރާއި ހީލަތެއް ނެތް. މަގު ފޭރުމެއް ނެތް. އެއްވެސް ކަމެއް ނެތް. އަދި މަސްތުވެގެން ހުރެ، މިއިން އެއްވެސް ކަމެއްކޮށްފި ނަމަ އެ މީހާ އިސްތިސްނާވާނެ. 18 އަހަރު ނުފުރޭ ކުއްޖަކު [ކުށެއް] ކޮށްފި ނަމަ އެވެސް އިސްތިސްނާވާނެ،"