07 May 2013, 09:44
ކުއާލަލަންޕޫރު (މޭ 7): މެލޭޝިޔާގެ ޢާންމު އިންތިޚާބަށް ފަހު އުފެދިފައިވާ ހަލަބޮލިކަން އެއްފަރާތް ކުރުމަށް ފަހު ގައުމީ އެއްބައިވަންތަކަމާއި ވަޙްދަތު އިސްކުރުމަށް އެގައުމުގެ ހުރިހާ ރައްޔިތުންނަށް ބޮޑުވަޒީރު މުހައްމަދު ނަޖީބު ޢަބްދުއްރައްޒާޤް ގޮވާލައްވައިފި އެވެ.
ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ނަޖީބު ރައްޒާޤް ވިދާޅުވީ ހުރިހާ ފަރާތްތަކަކުން ވެސް އިންތިޚާބުގެ ނަތީޖާއަށް އިޙްތިރާމު ކުރަންޖެހޭ ކަމަށާއި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއްކަމެއް އެއްވެސް ރައްޔިތަކު ކޮށްގެން ނުވާނެ ކަމުގަ އެވެ.
ނަޖީބު ޢަބްދުއްރައްޒާޤު މިގޮތަށް ގޮވާލެއްވީ މެލޭޝިޔާގެ އާންމު އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް، އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވައި އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވައި އެކަމާދެކޮޅަށް އިޙްތިޖާޖް ކުރުމަށް އޭނާ އަށް ތާއީދުކުރައްވާ ފަރާތްތަކަށް ގޮވާލައްވާފައިވަނިކޮށެވެ. އަންވަރު ވަނީ އިންތިޚާބު ކާމިޔާބުކުރީ އޭނާގެ އިދިކޮޅު ކޯލިޝަނުން ކަމަށް ވިދާޅުވެ މެލޭޝިޔާގައި ވެރިކަންކުރާ ނެޝަނަލް ފްރަންޓް ކޯލިޝަނުން އިންތިޚާބުގެ ނަތީޖާ ވަގަށްނަގާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެކަމާދެކޮޅަށް އަޑުއުފުލުމުގައި އިދިކޮޅު ފަރާތްތަކުން ކުރިޔަށްދާނެ ކަމަށާ މިމައްސަލަ ކޯޓަށް ވައްދާނެ ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.
އުމުރުފުޅުން 59 އަހަރުގެ ނަޖީބު ޢަބްދުއްރައްޒާޤް ދެވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ މެލޭޝިޔާގެ ރަސްކަމުގެ ކޮއިލު ކަމަށްވާ "އާސްތާނާ ނިގާރާ"ގައި މިކަމަށް ޓަކައި އިއްޔެ ބޭއްވި ޚާއްސަ ދަރުބާރެއްގައި އެގައުމުގެ ރަސްގެފާނު ޢަބްދުލްޙަލީމް މުޢްޟަމް ޝާހުގެ ކުރިފުޅުމަތީގަ އެވެ. މިދިޔަ އާދީއްތަ ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި އެގައުމުގެ ޕާލަމެންޓްގެ 222 ގޮނޑީގެ ތެރެއިން 133 ގޮނޑި ކާމިޔާބުކޮށްފައި ވަނީ ނަޖީބު ޢަބްދުއްރައްޒާޤުގެ ނެޝަނަލް ފްރަންޓް ކޯލިޝަނުންނެވެ. އިދިކޮޅު ކޯލިޝަނަށް ލިބިފައި ވަނީ ޕާލަމެންޓްގެ 89 ގޮނޑިއެވެ. މިއީ އެ ކޯލިޝަނަށް ކުރީގެ އިންތިޚާބުގައި ލިބުނު 75 ގޮނޑިއަށްވުރެ 14 ގޮނޑި އިތުރު މިންވަރެކެވެ. (ނޫސްއެޖެންސީތައް)