07 May 2013, 09:39
ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ ވަރަކަށް ރައްޔިތުންނަށް ޓަކައި ކަމަށް ބުނެ ވާ ވައުދުތައް އަންނަނީ ގިނަވަމުންނެވެ. ރައްޔިތުންދެކެވާ ލޯތްބާއި ރައްޔިތުންނާ ދޭތެރޭ ވިސްނާ ވަރުން ސިޔާސީ ފަރާތްތަކަށް ނުނިދޭ ދުވަސް އަތުވެއްޖެހެން ވެސް ހީވެ އެވެ.
ކުޑަކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ އަދި އެއް ދީނަކަށް އެއް ސަގާފަތެއްގެ މައްޗަށް ދިރިއުޅޭ މި ކުޑަކުޑަ ގައުމުގެ ހުންގާނު މި އަހަރުގެ ރިޔާސީ އިންތިހާބްގައި ބޭފުޅަކާ ހަވާލުކުރާ އިރު ހަމަގައިމު ވެސް އެ ބޭފުޅަކީ ގައުމީ ނައު ފަރަކަށް ނާރުވައި ގައުމު ހިންގޭ ފަރާތަކަށް ވާންޖެހެ އެވެ. އެހެންކަމުން އިންތިހާބްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓްދޭނެ ކެންޑިޑޭޓެއް ނިންމާއިރު އެ ކެންޑިޑޭޓަކީ ވޭތުވެ ދިޔަ ތަނުގައި ގައުމާއި ރައްޔިތުންނާއި ދޭތެރޭގައި ކޮންގޮތަކަށް ކިހިނެއް ކަންތައްތައް ކޮށްފައިވާ މީހެއްތޯ ނުވަތަ ބައެއްތޯ ބަލަން ޖެހެ އެވެ. އެ ބޭފުޅަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ކުރިން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާ ނަމަ، އެ ބޭފުޅެއްގެ ހަޔާތް ރަނގަޅަށް މިނެލަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޕީޕީއެމް އިން ކުރިމަތިލައްވާ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ކުރިމަތިކުރުވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕީޕީއެމްގެ އޭނާއާ ދެކޮޅު ބޭފުޅުން ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރާ، ކޮރަޕްޝަންގެ މައްސަލަތަކެވެ. އަދި ޕީޕީއެމް އަކީ ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫނަކީ ޔާމީން ކަމަށް އޭނާ އަމިއްލަފުޅަށް ވެސް ވިދާޅުވާ އިރު މައުމޫންގެ ވެރިކަމުގައި، އޮޑިޓް ރިޕޯޓްތަކުގައި ފެންމަތިކޮށްފައިވާ، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ވެސް ޔާމީނަށް ދިމާވާ ގޮންޖެހުންގެ ތެރޭގައި ހިމެނޭނެ އެވެ.
އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ، ރައީސް މައުމޫން ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު އޭރު އެމްޑީޕީ އިން ތުހުމަތު ކުރި، މައުމޫންގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަ ގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް ވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ބޭނުންތަކަށް ދައުލަތުގެ ފައިސާ އިން ބޮޑު ހަރަދެއްކޮށް، އަދި ހަރަދަށް ނުބަލައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
ޔާމީން ވައުދުތަކުގެ ތެރޭގައި ރާއްޖެ އިން ތެޔޮ ހޯދާނެ ކަމާއި ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުއްވާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅާ ދޭތެރޭ ވެސް ވިސްނާލަން ޖެހެ އެވެ. އެއީ ޔާމީން ރާއްޖޭގެ މާލީ ބައެއް ވުޒާރާތައް އެތައް އަހަރަކު ހިންގެވި އިރު، އެ ވިދާޅުވާ ތެޔޮ އޭރު ނުނެންގެވީ ކީއްވެތޯ އުފެދޭ ސުވާލެވެ. އަދި ޓޫރިޒަމްގެ އިތުރަށް ރާއްޖޭގެ އިގްތިސާދު، ތަފާތު ދާއިރާތަކަށް ފުޅާ ނުކުރެއްވީ ކީއްވެތޯ ވެސް ސުވާލުއުފެދެ އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކުރެއްވި، ފާހަގަކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކުރީގެ ސަރުކާރުން ރާއްޖެ ވައްތަރަކަށް ބޭރުގެ ނުފޫޒުތަކުގެ ތެރެއަށް "ޣަރަގުކޮށް"ލާފައި އޮތް އޮތުމަށް ނިމުން ގެންނެވި އެވެ. އަދި އިގްތިސާދުގެ މައި ދޮރޯށި، އެއާޕޯޓް އަނބުރާ ދިވެހިންގެ ބާރުގެ ދަށަށް ގެންނެވުމަކީ ވެސް ކާމިޔާބީއެއް ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. ޑޮލަރުގެ އަގު އެއްވަރަކަށް ހިފެހެއްޓުމަކީ ވެސް ކާމިޔާބީ އެކެވެ.
ނަމަވެސް އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު، ރައީސް ޑރ. ވަހީދު ޗުއްޓީ އަށް އެއްފަހަރާ 764،121 ރުފިޔާ ހަރަދު ކުރެއްވި ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާން ކުރުމުން ހިސާބަކަށް ކިލަނބުކަމެއް ކުރިމަތިވެ އެވެ.
އެމްޑީޕީއަށް ބަލާ އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުވީ ވެރިކަމުގައި ދިވެހިން ވަނީ ތަފާތު ރަހަތަކެއް ތަޖުރިބާކޮށްފަ އެވެ. އޭގެ ތެރޭގައި ރަނގަޅުކަންތައްތައް ވެސް ހިމެނެ އެވެ. ހާއްސަކޮށް ތަފާތު ޓެކްސް ތައާރަފު ކުރެއްވުމަށް ކުރެއްވި މަސައްކަތް ރަނގަޅު ކަމަށް ފާހަގަކުރެވެ އެވެ.
ނަމަވެސް ނަޝީދުގެ ވެރިކަމުގައި ކޮރަޕްޝަން އޮތީ ހައްދުން ނައްޓައިފަ އެވެ. ނަޝީދަށް ބައިއަތު ހިފި ގިނަ މީހުންނަކީ ނަޝީދުގެ ތިން އަހަރުގެ "ފޮނި މީރުކަން" ވަރަށް ރަނގަޅަށް ވަޒަންކޮށްފައިވާ މީހުންނެވެ. އެކަން އޮޑިޓް ރިޕޯޓްތަކުން އެ އޮތީ ވަރަށް ރަނގަޅަށް ފެންނާށެވެ. ބަލާލި ކޮންމެ ދިމާއެއް އޮތީ ފޫގޮސްފަ އެވެ. ބައެއް ތިޔަރީތައް ބުނާ ގޮތުން ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކޮންމެ އަހަރަކު އެވްރެޖުކޮށް އެއް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓް ރިޕޯޓްތަކުން ފެންމަތިކޮށްފައިވެ އެވެ.
އެ ލިސްޓް އެޑިއުކޭޝަން މިނިސްޓްރީ އިން ފައްޓާ އިރު، އެ މިނިސްޓްރީ އިން 39 މިލިޔަން ރުފިޔާ، މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްގޮތަކަށް ވެސް އޮފީހަށް ހާޒިރުނުވެ، މުސާރަ އާއި އެލަވަންސްގެ ގޮތުގައި 343،351.67ރ. ނަންގަވާފައިވެ އެވެ. އަތޮޅު ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ހެލްތުން އެފްޓެކަށް، ނުގެންނަ ބޭސްތަކަކަށް ދިން، 11 މިލިއަން ރުފިޔާގެ ހިޔާނާތަކީ "އޮގަނައިޒު ބޮޑެތި ވައްކަންތައް" ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯން ބިލަށް ދައުލަތުގެ ބަޖެޓުން ގަވައިދާ ހިލާފަށް 312928ރ. ހަރަދު ކުރެއްވުމަކީ މަޝްހޫރު ވާހަކަ އެވެ. އަދި ރައީސް ނަޝީދުގެ ޗުއްޓީގެ ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 446،578ރ. ހޭދަކޮށްފައިވާ އިރު އެއީ މިގައުމަށް އެންމެ ހައްގު މިންވަރުތޯ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ. އެއީ އޮޑިޓް ރިޕޯޓްތަކުން ފެންނަން ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ބައެކެވެ.
ތިލަފުށި ހިއްކުމަށް، އޭރުގެ އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑަށް އެވޯޑް ކުރި 21 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ވެސް އެއާ މެދު އެތައް ގޮތަކުން ސުވާލު އުފެއްދިދާނެ ކަމެކެވެ.
ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްގެ ފަސް ބަޔަށް ބަލާ އިރު އެ ބޭފުޅާއަކީ ވެސް ބައެއް ފަހަރު އަމިއްލަ މަސްލަހަތު އިސް ކުރެއްވުމުގެ ރެކޯޑެއް އޮތް ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރައްވާ ބޭފުޅެޅެވެ. އެއޭގެ އެއް މިސާލަކީ ޖުމްހޫރީ ޕާޓީން ކަނޑައަޅުއްވާފައި ހުންނެވި މިނިސްޓަރަކު މާމިގިލީ އެއާޕޯޓް 99 އަހަރަށް ވިލާއަށް ދިނުމަށް ނިންމި ނިންމުވެ.
ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީގެ ބަލިފަޔަކީ ދިވެހި ބޭންކުން ނެންގެވި ބޮޑު ލޯނަކުން ސަލާމަތް ނުވުމެވެ.
ރިޔާސީ އިންތިހާބު އައިސް ބޯމަތިވެއްޖެ އެވެ. ދެން އޮތީ އެންމެ 125 ދުވަހެވެ. ރޯދަ ނިންމުމަށް ފަހު ވޯޓު ލުމަށް ތައްޔާރުވާންވީ އެވެ. އެ އިންތިހާބުގައި ވޯޓުލުމަށް ތައްޔާރުވާ އިރު، ބަހާއި އަމަލާ އެއްގޮތަށް ކަންތައްތައް ކުރައްވަނީ ކޮން ބައެއްތޯ ބަލައި އަދި އިންސާފުގެ ތަރާދަކުން ވަޒަން ކުރުމަށް ފަހު ވޯޓު ލުމަށް ތައްޔާރުވާށެވެ. ވޯޓު ލުމަކީ އަދި ގައުމަށް ހެޔޮ އެދިގެން، ރަނގަޅު އިގްތިސާދެއް ބިނާކޮށްދެއްވައި، ކޮރަޕްޝަންގެ މުޑުދާރު އަތްތަކަށް ގައުމުގެ ބާރުތައް ނުދާ ގޮތަށް ވޯޓު ދެނިކޮށް އޮންނާނީ ގައުމީ ވާޖިބު އަދާކުރެވިފަ އެވެ. ވައުދުތައް ރަނގަޅަށް ވަޒަން ކުރަން އެނގެން ޖެހެ އެވެ.