07 May 2013, 09:32
ސާކު ގައުމު ތަކުގެ މެދުގައި އިންޑިއާގެ ކަލްކައްތާގައި މިހާރު ކުރިއަށްދާ 17 ވަނަ ސާކު ކެރަމް މުބާރާތުގެ ޓީމް އިވެންޓް ބައިން ދިވެހި ޤައުމީ ފިރިހެން ޓީމާއި އަދި އަންހެންޓީމް ވެސް ބްރޯންޒް މެޑަލް ހޯދައިފި އެވެ.
މުބާރާތުގައި ބައިވެރިވި ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅެވުނު ފިރިހެން އިވެންޓްގައި ރާއްޖެ ހަމައެކަނި ބަލިވީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާ އަދި ދުނިޔޭގެ ރޭންކުގައި ދެވަނަގައި އޮތް ސްރީލަންކާ އަތުންނެވެ. އަންހެން އިވެންޓްގައި ބައިވެރިވި ފަސް ގައުމު މެދުގައި ކުޅެވުނު ލީގު މެޗްތަކަށް ފަހު ދިވެހި އަންހެން ޓީމް ވެސް ވަނީ ސާކުގައި ދަމަހައްޓަމުން އަންނަ ތިންވަނަ މަގާމު ދަމަހައްޓާފަ އެވެ.
މިމުބާރާތުގައި އަފްޣާނިސްތާނާއި ބޫޓާން ފިޔަވައި ސާކުގެ ހުރިހާ ގައުމުތަކުން ބައިވެރިވިކަން ފާހަގަކޮށްލެވެ އެވެ.
މުބާރާތުގައި ދިވެހި ޓީމްގެ މެނޭޖަރު އާދަމް އަދީލް މެޗްތަކާ ބެހޭ ގޮތުން ދެއްވި ފޯނު އިންޓަވިއުގައި ވިދާޅުވީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި މައިގަނޑު މައްސަލައަކަށް ދިމާވީ ޕްރެކްޓިސް ކުރަން ބޯޑް ޕްރޮވައިޑް ކޮށް ނުދިނީމާ ކަމަށެވެ.
"އިންޑިއާ ފިޔަވައި އެއްވެސް ގައުމަކަށް ޕްރެކްޓިސް ކޮށްލާނެ ބޯޑެއް ހަމަ ނުޖެހުނީމަ ހުރިހާ ގައުމު ތަކުންވެސް މައްސަލަ ޖެއްސި. ދެން އަބަދުވެސް ހޯސްޓްކަންޓްރީ އަށް އެޑްވާންޓޭޖް އޮވޭ. އެކަމަކު އޭޝިއަން ފެޑެރޭޝަން އާއި އެހެން ގައުމުތަކުން އިންޑިއަން ފެޑެރޭޝަން އާއި ވާހަކަދައްކައިގެން މިހާރު ވަނީ ޕްރެކްޓިސް ހަމަ ޖެހިފައި. ޑަބަލްސް އިވެންޓްތައް މިހާރު މިދަނީ ކުރިއަށް. ހުރިހާ ކުދިންގެ އަޒުމަކީ ވެސް ޤައުމަށް ރީތި ނަމެއް ހޯދައި ދިނުން" އާދަމް ހަލީމް ވިދާޅުވިއެވެ.
މުބާރާތުގައި އިއްޔެ ކުރިއަށްދިޔައީ ޑަބަލްސް އިވެންޓާއި ސިންގަލްސް އިވެންޓުގެ މެޗްތަކެވެ.
މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މި މުބާރާތް ކުރިއަށް ދަނީ ކަލްކައްތާގެ ފައިވްސްޓާ ހޮޓަލެއް ކަމަށްވާ ޕްރައިޑް ހޮޓެލްގައެވެ.