މީގެ ކުރިން އެތައް ބަޔަކަށް ތޫނު އެއްޗެހިން ހަމަލާދީ ބައެއް މީހުން މަރައިލިކަމަށް ބުނެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ސަރިޔަތުގައި އިއުތިރާފު ވެފައި ވާތީ އެކަންތައްތަކަކީ ހިނގައިފައި ހުރި ކަންތައްތަކެއް ތޯ ބަލަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ހުމާމް އިއުތިރާފުވި ކަންތައްތަކަކީ ހިނގައިފައިވާ ކަންތައްތަކެއްތޯ ބެލުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން އެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށެވެ.

އެ މައްސަލަތައް ތަހުގީގު ކުރުމަށް ކިހާ މުއްދަތެއް ހޭދަވާނެތޯ ދެންނެވުމުން ރިޔާޒު ވިދާޅުވީ ތަހުގީގެއް ނިންމޭނެ ވަކި މުއްދަތެއް ކަނޑައެޅުމަކީ ދަތިކަމެއް ކަމަށާއި ނަމަވެސް ވީ އެންމެ އަވަހަކަށް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނީ މާލެ ތެރެއަށް ނުކުމެ މާރާމާރީ ހިންގުމުގައި އޭނާ އަމަލީ ގޮތުން ބައިވެރި ވާން ފެށީ 2006 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

ޑރ. އަފްރާޝީމް އަލީ މަރާލި ކަމަށް ތުހުމަތު ކުރެވޭތީ ހުމާމްގެ މައްޗަށް އުފުލައިފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ މިއަދުގެ ޝަރީއަތުގައި ހުމާމް ވަނީ މީގެ ކުރީން އޭނާ ހިންގައިފައިވާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަތައް ޝަރީއަތަށް ކިޔައިދީފައެވެ.

ޖަނަވަރީ މަގުގައި މީހެއްގެ ބޮލަށް ހަމަލާ ދީ ޒަޚަމް ކޮށްލައިފައިވާނެ ކަމަށާއި އެއަށް ފަހު އެހެން ދުވަހެއްގައި ކާނިވާ ތެރޭގައި "ހާބަރޭ" ކިޔާ މީހަކު ހުއްޓައި، ތޫނު ހަތިޔާރު ބޭނުން ކޮށްގެން އޭނާއަށް ހަމަލާ ދީފައިވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ.

ހުމާމް ބުނީ ރާއްޖެއިން ބޭރުގެ ބޯޓަކުން އައި ސިފައިންގެ މީހެއްގެ ބަނޑަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފައިވާނެ ކަމަށާއި އޭގެ ފަހުން ޑޯލްފިން ތެރެއިން ވެސް މީހެއްގެ ގަޔަށް ވަޅި ހަރައިފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ކާނިވާ ތެރެއިން ދެ ދުވަހަކު ދެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފައިވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ.

ހެންވޭރު ބޯޅަދަނޑު ކައިރީ ހުންނަ އިރުދަށު ހޮޓާ ކައިރިން އަންހެނަކާ އެކު ދިޔަ މީހަކަށް ހަމަލާ ދިނުމުގެ އިތުރުން ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވެސް މީގެކުރިން ހިންގައިފައިވާނެ ކަމަށާއި މިހާރު ބޭނުންވަނީ ކުރީން ކުރެވިފައިވާ އެފަދަ ކުށްތަކަށް މައާފަށް އެދި ތައުބާ ވުމަށް ކަމަށް ވެސް ހުމާމް ވަނީ ބުނެފައެވެ.