ރޭ ހިނގި އެކްސިޑެންޓުގައި ކާރެއް ދަށުވެ ޒަހަމުވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ށ. ފުނަދޫ އަޝްރަފީގޭ ޝާހީނާ ހަސަން މިރޭ 6:45 އެހާކަންހާއިރު މަރުވެއްޖެ އެވެ.


ޝާހީނާ މަރުވީ އެކްސިޑެންޓަށް ފަހު ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވި އިރުވެސް އޮތީ ކޯމާއެއްގަ އެވެ.


"ރޭންސުރެން މިރޭ މަރުވުމާ ހަމައަށް ވެސް އޮތީ ވަރަށް ހާލު ސީރިއަސްކޮށް، ކުއްލިއަކަށް ވިންދު ދަށަށް ދިއުމަށްފަހު މަރުވީ،" އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި އެވެ.


ޓްރެކް ސަރަހައްދު، ހަކަތަ ޕެޓްރޯލް ފިހާރަ ކުރިމަތިން ރޭ ހިނގި އެކްސިޑެންޓްގައި ޝާހީނާގެ ކަނދުރާއަށް ތޫނު އެއްޗެއް ފުންކޮށް ހެރި، ސިކުނޑިއާއި ފުއްޕާމެއަށް ލޭއަރާފައި ވެއެވެ. މީގެ އިތުރުން ވެސް ޝާހީނާގެ ހަށިގަނޑަށް ވަނީ ގިނަ އަނިޔާތައް ލިބިފަ އެވެ.


ޝާހީނާ މަރުވި އިރު އެ އެކްސިޑެންޓްގައި ޒަހަމްވެ ހާލު ސީރިއަސްވި ހ. ހާލި، ހަސަން އާމިރު 23، އަށް، އަވަސް ފަރުވާ ދިނުމަށް މިއަދު ހަވީރު ވަނީ އިންޑިޔާއަށް ގެންގޮސްފަ އެވެ.