މަސްވެރިން ތިބި ސަރަހައްދަކަށް އެންމެ ގާތުން އެންވެރިކަމާއި މަސްއައިން ހުރި ސަރަހައްދު ސެޓެލައިޓް މެދުވެރިކޮށް މަސްވެރިންނަށް އަންގައިދޭ ސެންޓަރެއް ލ. އަތޮޅުގައި ހުޅުވައިފި އެވެ.

އެ ސެންޓަރަކީ މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަނާއި މައިޒާން އިލެކްޓްރޯނިކްސް ގުޅިގެން ލ. ގަމުގައި ހުޅުވި ސެންޓަރެކެވެ.

މިދިޔަ ބުދަ ދުވަހު ހެނދުނު ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ފިޝަމަން އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހްމަދު މަނިކު ވިދާޅުވީ އެ ސެންޓަރުގެ ސަބަބުން ތެލުގެ ޚަރަދުކުޑަކޮށް މަސްވެރިކަން ކުރުމަށް އެހީވެދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސެންޓަރުން މަސްވެރިންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޖީއޯއައި ކުންފުނިން ސެޓަލައިޓް މެދުވެރިކޮށް ހޯދާ މައުލޫމާތުތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދެމުން ގެންދަނީ އެ ކުންފުންޏަށް މަހު ފީއެއް ދައްކައިގެން ކަމަށް ވާތީ މަސްވެރިންގެ އަތުން ފީއެއްގެ ގޮތުގައި ދުވާލަކަށް 116.66ރ.، މަހަކަށް 3500.00ރ. ނަގަން ހަމަޖައްސާފައިވާ ކަމަށެވެ.

މުސްތަގުބަލުގައި ހުވަދު އަތޮޅުގެ އެންމެ ގިނަ މަސްވެރިން އުޅޭ ރަށެއްގައި ވެސް އެފަދަ ސެންޓަރެއް ހުޅުވުމަށް ގަސްތުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރުގެ ޒޯންތަކަށް މަސްދޯނިތައް ދާއިރު މިހާރަކަށް އައިސް ދިމާވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ވެސް އެ ސެންޓަރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެފަދަ ސަރައްދުތަކަށްދާ އިރު މަސްވެރިންނަށް ދިމާވާ ދަތިތަކުން ސަލާމަތްވެވޭނެ ގޮތުގެ ދާއިމީ ޓްރޭނިން ޕްރޮގްރާމްތަކެއް އެ ސެންޓަރުން ހިންގަން ހަމަޖައްސާފައިވާ ކަމަށް ވެސް މައިޒާން އަހްމަދު މަނިކު ވިދާޅުވި އެވެ.