06 May 2013, 21:10
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތައް ފައްޓަވައިފި އެވެ.
ބީބީސީ އިން ބުނީ މި ދެ ބޭފުޅުން ޗައިނާގައި އެއް ދުވަސްވަރެއްގައި ތިއްބެވި ނަމަވެސް ދެ ބޭފުޅުން ކުރައްވަމުން ދަނީ ތަފާތު ދެ ދަތުރެއް ކަމަށާއި ދަތުރުގެ ތެރެއިން ރައީސް އައްބާސް އާއި ބޮޑުވަޒީރު ނަތަންޔާހޫ ބައްދަލު ނުވާނެ ކަމަށެވެ.
މިގޮތުން މިދަތުރުގައި ފަލަސްތީނުގެ ރައީސް އައްބާސް ވަނީ ވެރިރަށް ބެއިޖިންގައި، ޗައިނާގެ ރައީސް ޒީ ޖިންޕިންގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުންތަކުގައި އިޒްރޭލާ އެކު ވާހަކަ ދެއްކުމުގައި ހުރި ދަތިތަކުގެ ވާހަކަ އައްބާސް ޖިންފިންގެ އަރިހުގައި ދަންނަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަނެއްކޮޅުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަތުރުފުޅު ފައްޓަވާފައި ވަނީ ޝަންހާއީ އިން ނެވެ. ޝަންހާއީގައި ދެ ދުވަސް ހޭދަކުރެއްވުމަށް ފަހު، ބެއިޖިންގަށް ވަޑައިގެން އިޒްރޭލާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މަޝްވަރާތައް ޗައިނާގެ އިސް އޮފިޝަލުންނާ އެކު ނަތަންޔާހޫ ކުރިއަށް ގެންދަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މެދުއިރުމަތީގައި އެންމެ ހޫނުވެފައިވާ އެއް މައްސަލަ ކަމަށްވާ އިޒްރޭލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތަކުގައި އެގައުމުގެ ދެ ލީޑަރުން ޗައިނާގައި ތިއްބަވަނިކޮށް ޗައިނާ އިން އެއްވެސް ރޯލެއް ކުޅެން ނިންމާފަވޭތޯ ސުވާލުކުރުމުން ޗައިނާގެ ހާރިޖީ ވުޒާރާގެ އޮފިޝަލުން ބުނެފައި ވަނީ ދެގައުމުން އެދިއްޖެ ނަމަ ޗައިނާއިން އެހީވާނެ ކަމަށެވެ.
ނަމަވެސް ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުން އެއްވަގުތެއްގައި އެއްސިޓީއެއްގައި ވެސް ނުތިއްބަވާނެ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.