06 May 2013, 21:07
ސޫރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ތެރޭގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ހަތިޔާރެއް ކަމަށްވާ "ސެރިން" ގޭސް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެކުވެރި ދައުލަތްތަކުގެ އިންވެސްޓިގޭޓަރަކު ހާމަކޮށްފި އެވެ.
އދ. އިން ސޫރިޔާގެ މައްސަލަ ތަހުގީގުކުރުމަށް ކަނޑައަޅާފައި ހުންނަވާ ލީޑު އިންވެސްޓިގޭޓާ ކާރުލާ ޑެ ޕޮންޓޭ ސުވިސް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކެމިކަލް ހަތިޔާރު ސޫރިޔާގައި ބޭނުންކޮށްފައިވާ ކަމުގެ ވަރުގަދަ ތުހުމަތުތަކެއް ކުރެވެމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސެރިން ގޭހަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން "ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން" އެއްގެ ގޮތުގައި ކަނޑައަޅާ، 1993 ވަނަ އަހަރު ފާސްކުރެވުނު ކެމިކަލް ވެޕަންސް ކޮންވެންޝަންގެ ދަށުން އުފެއްދުމާ ގެންގުޅުން މަނާކުރެވިފައިވާ ވިހަ މާއްދާއެކެވެ.
ޑެ ޕޮންޓޭ ވިދާޅުވީ އާއްމުންގެ ހެކިބަހުން "ސެރިން" ގޭސް ބޭނުންކުރި ކަމުގެ ހެކިތައް ލިބިފައިވީ ނަމަވެސް، މިކަން އެއްވެސް ޝައްކެއް ނުވާ މިންވަރަށް ސާބިތުކޮށްދޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
"ހެކިބަސް ލިބިފައި ވަނީ ޑޮކްޓަރުންނާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުންނާއި ބަލި މީހުންގެ ފަރާތުން. އެމީހުންނަށް ލިބިފައިވާ އަނިޔާތަކާ ދެވުނު ފަރުވާތަކަށް ބަލާ އިރު، ސެރިން ގޭސް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ. ނަމަވެސް މިކަން ސާބިތުވާ ވަރުގެ ހެއްކެއް އަދި ނުލިބޭ،" ޑެ ޕޮންޓޭ ވިދާޅުވި އެވެ.
އެމެރިކާ އަދި އިނގިރޭސިވިލާތުން ކުރިއަށް ގެންދިޔަ ތަހުގީގުތަކަށް ފަހު އެ ދެ ގައުމުން ވެސް ބުނެފައި ވަނީ ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ.
އދ. އިން މިމައްސަލަ ބަލަމުންދާ ކޮމިޝަން އޮފް އިންކުއައިރީ އިން ބުނީ ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެކޮމިޝަންގެ ތަހުގީގު އަދި ނުނިމޭ ކަމަށެވެ.
މިމައްސަލާގައި ރަޝިޔާ އިން ވަނީ ސޫރިޔާއަށް އަރައިގަނެ، އެގައުމުގައި ހަނގުރާމައެއް ހިންގުމަށް ހުޅަނގުން އާއްމުންގެ ވިސްނުމާ ކުޅެމުންދާ ކަމަށް ބުނެ، މިމައްސަލަ ސިޔާސީކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.