ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗު ހަތަރެއް ދޭކުން ނިއު މާޒިޔާ އަތުން މޮޅުވެއްޖެއެވެ.

މިއަދުގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އުމަރު ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 15 ވަނަ މިނިޓުގައި ހުސެއިން ނިޔާޒް (ބޮކުރީ) އެވެ. އަދި އޭގެ 11 މިނިޓުފަހުން ނިއުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގު (ދަގޭ) ތަނަވަސް ކޮށްދިން ފުރުސަތަކުން މުހައްމަދު އުމައިރުއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދޭއް ސުމެއްގެ ލީޑެއްގައި ނިއުރޭޑިއެންޓް އޮވެގެންނެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އަސަދުﷲ ޢަބްދުﷲއެވެ. އެ ޕެނަލްޓީއަކީ ނިއުގެ އޭރިޔާ ތެރެއިން މާޒިޔާގެ އަހްމަދު ރަޝީދަށް ނިއުގެ އަހްމަދު ނިޔާޒު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ނިއުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާޒިޔާ ލަނޑު ކާމިޔާބު ކުރިތާ 4 މިނިޓުފަހުން މާޒިޔާގެ އޭރިޔާތެރެއަށް ބޯޅަހިފައިގެން ވަންނަނިކޮށް ކީޕަރު މުހައްމަދު އިމްރާން ދަގޭ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ދަގޭއެވެ. އޭގެ ދެ މިނިޓުފަހުން މާޒިޔާގެ އޭރިޔާތެރެއަށް ބޮކުރީ ނަގައިދިން ރީތި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އުމައިރުއެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ރެފްރީ ވަނީ ނިއުގެ އޭރިޔާ ތެރެއިން ރިލްވާން ވަހީދު މާޒިޔާގެ އަސަދުﷲއަށް ފައުލު ކުރިކަމަށްބުނެ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. މާޒިޔާއަށް ލިބުނު ދެވަނަ ޕެނަލްޓީވެސް ވަރަށް ރީތިކޮށް ނިއުގެ ގޯލަށް ވައްދާލައިގެން ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަސަދުﷲ އެވެ.

މެޗުގެ ފަހު ފަނަރަ ވަރަކަށް މިނިޓިގެ ތެރޭގައި ނިއުއަށް މެޗުގެ ނަތީޖާ ބޮޑުތަނުން ތަފާތު ކޮށްލާނޭ ރީތި ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އުމައިރަށް ލިބުނު ދެ ފުރުސަތަކާއި ކައިރި ކައިރީގައި އަޝްފާގަށް ލިބުނު ހަތަރުވަރަކަށް ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު މިއަދުގެ މެޗުގެ ނަތީޖާއާ އެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލީގު ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓާއެކު އޮޓީ ނިއުރޭޑިއެންޓް އެވެ. އަދި ދެވަނައިގައި މާޒިޔާ އޮތީ 12 ޕޮއިންޓު ފައިދާ ހަ ލަނޑާއެކުއެވެ. މާޒިޔާއާ އެއްވަރަށް ޕޮއިންޓު ހޯދައިގެން ފައިދާ ހަތަރު ލަނޑާއެކު ތާވަލުގެ ތިންވަނައިގައި އޮތީ ކުލަބު ވެލެންސިޔާއެވެ. އަދި އަދި ހަތަރު ވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ބީޖީ ސްޕޯޓްސްއެވެ.

މިއަދުގެ މެޗަށްފަހު ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފު ބުނީ ޓީމުގެ ކުޅުމާ ދޭތެރޭގައި ހިތް ހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކަށް ބަލާއިރު ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށެވެ. ޕޮޕޯފް ބުނީ މިއަދުގެ މެޗަކީ ނުވަ ވަރަކަށް ލަނޑުގެ ތަފާތުން މޮޅުވާން ޖެހޭ ދުވަހެއް ކަމަށާއި އެހެން ނަމަވެސް އޭނާއަށް މުހިއްމީ ގިނަ ލަނޑު ތަކެއް ނޫން ކަމަށާއި ތިން ޕޮއިންޓު ކަމަށެވެ.

ޕޮޕޯފް އިތުރަށް ފާހަގަ ކުރި ގޮތުގައި އޭނާގެ މިވަގުތު އެއްވެސް ވަރަކަށް ލީގާ ދޭތެރޭގައި ސަމާލުކަމެއް ނުދެއެވެ. އަދި އޭނާގެ ހުރިހާ ވިސްނުމެއްވެސް މިވަގުތު ހުރީ އޭއެފްސީ ކަޕްގެ ދެވަނަ ބުރުގައި މިމަހު 15 ވަނަ ދުވަހު ނިއުރޭޑިއެންޓް، މެލޭޝީޔާގެ ސެލަންގޯއާ ދެކޮޅަށް ކުޅޭ މެޗަށެވެ.