"ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ގާނޫނު މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

އެ ބިލަކީ މިދިޔަ އޭޕްރިލް މަހުގެ 15 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ބިލެކެވެ.

އެ ގާނޫނަކީ ދައުލަތުގެ ފިސްކަލް ޕޮލިސީ ޒިންމާދާރު ގޮތެއްގައި އަދި ދެމެހެއްޓެނިވި އުސޫލަކުން ހިފެހެއްޓުމާއި ފިސްކަލް ކަންކަން ހިންގަނީ ޖަވާބުދާރީވަނިވި، ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގާނޫނެވެ.

އެ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ)ގައި، އެ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރެވެން އޮތީ، ވަކި އުސޫލުތަކެއް ނުވަތަ ނިޒާމްތަކެއް ތައާރުފްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިއްޖެ ހިނދެއްގައި އެ މާއްދާ އަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން، އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ މުއްދަތަށް ފަސްކުރަން ކަނޑައެޅުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ލިބިދީފަ އެވެ.

އެގޮތުން އެ ގާނޫނުގެ 10 ވަނަ މާއްދާ އިން ފެށިގެން 28 ވަނަ މާއްދާ އަށް އަދި 32، 33، 34 މި މާއްދާތަކަކީ ވަކި އުސޫލުތަކެއް ނުވަތަ ނިޒާމްތަކެއް ތައާރުފްކޮށްގެން ހިންގެންހުރި މާއްދާތަކެއް ކަމަށް ވާތީ، އެ މާއްދާތަކަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 މަސްދުވަހުގެ މުއްދަތަށް ފަސްކުރުމަށާއި އެ މާއްދާތަކަށް އަމަލުކުރަން ފަށާނެ ތާރީހަކީ، 6 މެއި 2014 ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފަ އެވެ.