06 May 2013, 18:02
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ ދެ މާއްދާއެއް ގާނޫނު އަސާސީއާ ތައާރަޒުވާކަމަށް ކަނޑައަޅައި ދިނުމަށް މިޑިއާ ކައުންސިލުން ވެސް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މީޑިއާ ކައުންސިލުން އެގޮތަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އެ ކައުންސިލުން ތަދައްޚުލްވުމާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މީޑިއާ ކައުންސިލުން އެދިފައި ވަނީ އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) މިހާރު އެކުލަވާފައި އޮތްގޮތަށް އޮތުމުން ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގާއި ރާއްކާތެރިކަމަށް ބުރޫއަރާ ކަމަށެވެ. އެހެންކަމުން އެ ދެ މާއްދާ ގާނޫނު އަސާސީއާ ތައާރަޒުވާކަމަށް ކަނޑައަޅައި ދިނުމަށް މިޑިއާ ކައުންސިލުން ވަނީ އެދިފަ އެވެ.
އިމްތިޔާޒު ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މަޖިލީހުން އަންގައިފި ނަމަ ކޮންމެ މީހަކު ވެސް ކޮމެޓީ އަށް ހާޒިރުވެ އެތަނުން އަންގާ ގޮތެއްގެ މަތިން ހެކިބަސް ދޭންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުން އަންގާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ. އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ކޮންމެ މީހަކަށް ވެސް މަޖިލީހަށް ހާޒިރުވުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
ދައުލަތުން އެދިފައި ވަނީ އެ ގާނޫނުގެ ތިން މާއްދާއެއް ބާތިލު ކުރުމަށެވެ.
އެ މާއްދާތަކުގެ ތެރޭގައި މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ޝަރުއީ ކޯޓަކަށް ނުވަތަ ތަހުގީގީ އިދާރާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 11 ވަނަ މާއްދާ ހިމެނެ އެވެ.
އެއް އަހަރަށް ވުރެ ކުރު ހުކުމެއް ތަންފިޒު ކުރާ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 16 މާއްދާ ބާތިލު ކުރުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
މީގެއިތުރުން މަޖިލީހުން އަންގައިގެން ލިޔުމެއް ނުދީފި ކޮންމެ މީހަކީ މަޖިލީހުގެ އަމުރަށްނުކިޔަމަންތެރިވި މީހެއްކަމަށް ބަލައި އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭގޮތަށް އޮތް އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ވެސް ބާތިލު ކުރުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ.