06 May 2013, 16:43
ދެ މީހުންނާ އެކު މ. މުލަކުން ފުރައިގެން ދަތުކުރި "އަޒުމް" މަސް ދޯނި އަދި ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްުދުﷲ އަލީ މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 8 ޖަހާ އެހާކަންހާއިރު މުލަކުން ފުރައިގެން އެއަތޮޅު ލ. މާވަށަށް ދަތުރު ކުރި އެ ދޯނި ހޯދުމަށް ޓަކައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ދެ އުޅަނޑެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަަ ކަމަށާއި މިއަދު މެންދުރު ފަހުން ފެށިގެން އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ އިން ފެށިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން މިގެންދަނީ. އެގޮތުން މިއަދާއި އިއްޔެ ވެސް އެ ސަރަހައްދުން ދަތުރު ކުރި ޓީއެމްއޭގެ ބޯޓުތަކުގެ ސަމާލު ކަމަށް ގެނެސްގެން އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ވާނީ ހޯދައިފައި. އޭގެ އިތުރުން އެ ސަރަހައްދުގެ ރަށްރަށުގެ ކައުންސިލްތަކަށް އެ ދޯނީގެ މައުލޫމާތު ވާނީ ފޯރުކޮށްދީފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 40 ފޫޓުގެ އެ މަސް ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:15 އެހާކަންހާއިރު ކަމަށާއި އޭރު އެ ދޯނި ދަތުރުކުރަމުން ގޮސްފައި ވަނީ މ. އަތޮޅު ހަކުރާހުރާ އާ ހިސާބުން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަަމައަށް ތ. އަތޮޅާއި، މ. އަތޮޅާއި އަދި ލ. އަތޮޅުގެ ކަނޑުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފުން ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯނިން ދަތުރުކޮށްފައިވާ ދެ މީހުންނަކީ، އދ. މާމިގިލީ ހަނދުވަރުދޭގޭ ޙަސަން ރަޝީދު،39، އަދި ލ. މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު އެވެ.
މަޑުފެހި ކުލައިގެ ދަވާދުލާފައިވާ އަޒުމް ނަމަކަށް ކިޔާ މި މަސް ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 / 3398898 އަދި ފެކްސް ކުރައްވާ ނަމަ، 3391665 އަށް ފެކްސް ކުރެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.