06 May 2013, 16:34
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ހަތް ބޭފުޅުންގެ ވަފުދެއް އެގައުމަށް ހިނގައްޖެ އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ދިން ދައުވަތަކަށް ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ހަތް މެމްބަރުންގެ ވަފުދެއް އެ ގައުމަށް މިހާރު ގޮސްފައިވާ ކަމަށާއި އެވަފުދުގައި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ހައިކޮމިޝަނުން ބުނީ ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ވަފުދު މިދިޔަ ހޮނިހިރު ދުވަހު އިންޑިއާ އަށް ދިޔައީ އެ ގައުމުގެ ކަރްނާޓަކާ ސްޓޭޓްގައި އިއްޔެ ފެށި އެސެމްބްލީ އިލެކްޝަންގެ ތެރެއިން އަމަލީ ތަޖުރިބާ ހޯދުމަށް ކަމަށާއި އެ އިންތިހާބުގައި އިއްޔެ ވޯޓްނަގާފައިވާ ކަމަށެވެ. އެ އިންތިހާބުގެ ވޯޓްލުން މި މަހުގެ އަށް ވަނަ ދުވަހު ވެސް އޮންނާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަފުދު އިންޑިއާ އަށް ފުރުމުގެ ކުރިން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު އެވަފުދާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ އެ ދަތުރުފުޅާއި އިންތިހާބާ ގުޅޭ އެހެނިގެން ބައެއް ކަންތައްތަކާ މެދުގައި ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން މިއަދު ބުންޏެވެ.
އިންޑިއާ އަށް ދިޔަ، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ވަފުދު އެނބުރި އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.
އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮމާންކަމާ އެކު ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.