24 Oct 2010, 15:05
އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭ އަދަދު އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރަށު ކައުންސިލްތަކަށް 947 މެންބަރުން، އަތޮޅު ކައުންސިލަށް 130 މެންބަރުން، އަދި މާލެ އާއި އައްޑޫގައި ގާއިމުކުރާ ދެ ސިޓީ ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ 17 މެންބަރުންނާ އެކު ޖުމްލަ 1094 މެންބަރުން ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުގެ ނޫސްބަޔާނުގައި ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮންމެ ރަށު ކައުންސިލަކަށާއި އަތޮޅު ކައުންސިލަކަށާއި އަދި ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދާއި މެންބަރުން އިންތިހާބު ކުރަން ޖެހޭ ދާއިރާތައް އެ ކޮމިޝަނުން އިއުލާން ކުރަން ޖެހޭތީ "މިއަދު އާންމުކޮށް އިއުލާން" ކުރީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ކައުންސިލްތައް ގާއިމުކުރަން ޖެހޭ ދާއިރާތައް އިއުލާންކޮށްފަ އެވެ.
އެ ކޮމިޝަނުން މިރޭ ކުރި އިއުލާންގައި، އައްޑުއަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމަށް ސަރުކާރުން ބުނަމުން އަންނަ ބުނުން ވަނީ އެންޑޯސްކޮށްފަ އެވެ.
ކުރިން އިއުލާންކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހު 5 އެވެ.