ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ބޭންކްގެ ދެ މުވައްޒަފަކާއި އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ހަތް މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ 10،000ރ. އަށް ވުރެ މަތީ އަދަދެއްގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ހިމެނެނީ އެސްބީއައިގެ ދެ މުވައްޒަފުން ކަމަށްވާ ހ. މިއުރެކްސް ސުލްތާނާ ހުސައިން އާއި ހއ. ކެލާ ރޯޒްމީޑް އާއިޝަތު ހުސައިންގެ އިތުރުން ސިފައިންގެ ރިޑަޔާޑު ކާނަލެއް ކަމަށްވާ ހ. ހަބަރުގޭ ޝައުކަތު އިބްރާހީމް އާއި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހީމް ޝާހިދު އާއި ރ.ރަސްމާދޫ ބަހާރުގޭ އަލީ އަޝްރަފް އާއި ށ. ޅައިމަގު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދު އާއި ހަމަ އެ ރަށު ގޯލްޑްސްޓާރު މުހައްމަދު މުސްތަފާގެ މައްޗަށެވެ.

ދައުލަތުން އެ މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ އެ މީހުންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިން އެސްބީއައިގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ނަގާފައިވާތީ ކަމަށެވެ.

އަދި އެ ފައިސާ އެ މީހުންގެ އަތުން ހޯދުމަށް ޝީޝާގެ ތިން ބެއިން ކަމަށްވާ، ހ. ޝީޝާވެހި އަހުމަދު ހަސަން މަނިކާއި މއ. ހުޝާމްއިން އިބްރާހިމް ހުޝާމް އަދި ހަމަ އެގޭ ހުސައިން ހުޝާމް އެދޭ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.


ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޝީޝާގެ ތިން ބެއިންގެ ތެރެއިން ހުސައިން ހުޝާމް ކުރިން ވިދާޅުވެފައި ވަނީ ފައިސާތައް ޓްރާންސްފާކޮށްފައި ވަނީ އާއްމު ދެ މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި ސޭވިން އެކައުންޓަކަށް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު 8.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ އިރު އަނެއް 9.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެ ދެ ފަހަރު ވެސް ފައިސާ ޓްރާންސްފާކޮށްފައި ވަނީ އަހުމަދު ހަސަން މަނިކުގެ ނަން ޖަހައި ހުސައިން ހުޝާމުގެ ވަގު ސޮއިކޮށް، އެސްބީއައި އަށް ފެކްސްއެއް ފޮނުވައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.